ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެމްބަރު ޢަލީ ޝަރީފުގެ މައްސަލަ ބަލާ ކޮމެޓީގައި އޭނާ ނުހިމެނޭ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަޙްޤީޤް ކޮމިޓީއެއްގައި ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޓީއެއްގައި ނުވަތަ ކޮމިޝަނުގައި ނިންމާ ނިންމުމެއްގައި މެންބަރެއްގެ ހައިސިއްޔަތުން އެ ފަނޑިޔާރަކު ބައިވެރިވެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން މިހެން ބުނެފައިމިވަނީ، ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްޢޫދު ހިލްމީއަށް މީހަކު ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ ޝަރީފް ފާޅުކަން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ޖޭއެސްސީން މައްސަލަ ބަލަމުންދާ ކޮމެޓީގައި ޝަރީފު އިންނަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާތީއެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށައެޅީ ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒް މުހުސިނުގެ އެޑަވަކަސީ ޗެމްބަރުންނެވެ. ޗެމްބަރުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާފައިވާ ނިންމުން އެއްވެސް ފަރާތަކުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފައި ނުވާއިރު، އެނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެމަރުހަލާގެ ކޯޓަކަށް ލިބިގެން ނުވާ ކަމަށް ގާނޫނުން ސާފަކޮށް އެނގޭކަމަށެވެ.
މަސްއޫދަށް ހަމަލަދިނީ އަނބިކަނބަލުންނާއެކު (ލ.ފޮނަދޫ) ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ.
ފުލުހުން ބުނެފައިވަނީ މިހަމަލާއި ގުޅިގެން މަސްއޫދަށް އެކިވަރުގެ އަނިޔާވެގެން ފޮނަދޫ ސިއްޚީ މަރުކަޒުން ފަރުވާ ހޯދާފައިވާކަމަށެވެ. މިމާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަސްއޫދުގެ ކާރުގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައިވާއިރު، ރޭ ހަމަލަދިނީ ވެސް ކާރު ރޯކޮށްލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާކަމަށް ބައެއް މިޑިއާތަކުގައި މަސްއޫދު ބުނެފައިވެއެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް އެބަގެންދެއެވެ.