އެކި ހާދިސާތަކާ ގުޅިގެން ދިނުޔެއަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އިގްތިޞާދުކުރުމަށް ފުރަތަމަ ކުޑަކުރަންވީ ސަރުކާރުން ކުރާ ޚަރަދުތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެކި ހާދިސާތަކާ ގުޅިގެން ދިނުޔެއަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އިގްތިޞާދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހް އިލްތިމާސް ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ދުނިޔެއަށް އަންނަ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައި ގަނެވޭނީ އެކަމަށް ސަރުކާރުން ނަމޫނާ ދައްކައިގެން ކަމަށެވެ. ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަނުކޮށް، އިޤްތިޞާދު ރަނގަޅު ކުރުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް ސަރުކާރުން އުޅެނީ ބޭކާރު ޚަރަދުތައް ކުރުމާއި، އަމިއްލަ ހިންހަމަޖެހުމަށް ކުރަންހޭ ކަންކަން ކުރުމުގައި ކަމަށާއި، މިކަންކަން ރަނގަޅު ކޮށްގެން ނޫނީ އިޤްތިޞާދު ނުކުރެވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުން. ނަމޫނާ ދެއްކުން! ބޭކާރު ދަތުރުތައް ހުއްޓާލުން. ދައުލަތުގެ ވެރިންތަކެއް ރަމަޟާން މަހުވެސް ޔޫކޭ އަށް ދަތުރު ކުރީ ފަސްޓް ކުލަހުގައި. މިފަދަ ކަންކަން ހުއްޓާލާފައި، ރިކަރެންޓް ޚަރަދުތައް މަދުކުރަންޖެހޭ.
– އަދަމް ޝަރީފް ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގާފައިވާ ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަންޏަށް ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނެގި ލޯނު އިތުރުވުމުންނެވެ. މި މުއްދަތުގައި ދައުލަތުން ވަނީ އިތުރު 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގައިފައެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ލަފާކޮށްފައިވެއެވެ.