42 ކިލޯ ޑްރަގު މައްސަލަ: ފުލުހުންގެ އިހުމާލު ބެލުމަށް 241 ކޮމެޓީއަށް ހުށަހަޅަނީ

42 ކިލޯ ޑްރަގު މައްސަލަ: ފުލުހުންގެ އިހުމާލު ބެލުމަށް 241 ކޮމެޓީއަށް ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖޫން 2022 10:29
0

މާލޭގައި މިދިޔަ މާޗު މަހު ހިންގި ޑްރަގް އޮޕަރޭޝަނަކުން ހޯދި 42 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ފުލުހުންގެ މައްޗަށް ކުރާ ސީއަރް ތުހުމަތުތުތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަޅާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރި ނަޝީދެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ 42 ކިލޯ ޑްރަގްސް ފެނުނު ގެޔާ ބެހޭ މައުލޫމާތު ފުލުހުންނަށް މާކުރިން އެނގި އަދި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބުމުން ވެސް ބަލައި ފާސްކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް، ކޯޓު އަމުރު ނުހޯދާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން އަަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 149 މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވާތީ މިކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. އެ މާއްދާގައި އޮންނަ ގޮތުން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ ނުވަތަ ގާނޫނުގައި އޮތް ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ އަދި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ ފާސްކުރެވޭނެ ކަމަށެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތު ތަކެއްކަމަށް އުޝާމް ވިދާޅުވިއެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ދުވަހަކުވެސް ހައްލު ނުވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މިމައްސަލާގަ ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއްނެތް. މިމައްސަލާގަ ފުލުހުން އަމަލުކުރިގޮތް އިތުރަށް ބެލުމަށް 241 ކޮމިޓީއަށް ހުށަހަޅާނަން.

– އުޝާމް ވިދާޅުވިއެވެ.

މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން ވިދާޅުވީ މ.ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބި އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ.ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.