އިނގިރޭސިވިލާތުގައި އޮތް ޝާހީ ވެރިކަން އެގައުމުގެ ދިގުދެމިންދާން ޖެހޭކަމަށް އިނގިރޭސިވިލާތުގެ %62 މީހުން އަދިވެސް ގަބޫލުކުރާކަމަށް، އިންޓަރނެޓަށް ޚާއްސަ މާރކެޓް ރިސާރޗް އެންޑް ޑާޓާ އެނަލިޓިކްސް ފާމެއް ކަމުގައިވާ، އިނގިރޭސިވިލާތުގެ ޔޫގަވްއިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ. މި ވޯޓުގައި ބައިވެރިވި %22 މީހުން ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ދައުލަތުގެ ވެރިއާގެ ގޮތުގައި ރާނީ ހުންނެވުމުގެ ބަދަލުގައި އެމީހުން ތާއީދުކުރަނީ އިންތިޚާބު ކުރާ ވެރިއަކު އެގައުމުގައި ހުރުމަށް ކަމުގައެވެ.
އިނގިރޭސި ވިލާތުގެ ލަންޑުގެ މާރކެޓް ރިސާޗް ކޮމްޕެނީއެއް ކަމުގައިވާ އިޕްސޮސް މޯރި (Ipsos Mori) އިން ފާއިތިވެދިޔަ އަހަރު ކުރި ދިރާސާއަކުންވެސް ވަނީ ހަމަ މިނަތީޖާ މިގޮތަށް ދައްކާފައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި އެގައުމުގެ ޝާހީވެރިކަން ދޫކޮށްލުމަކީ އިނގިރޭސިވިލާތަށް ފައިދާހުރި ބަދަލެއްގެ ގޮތުގައި ދެކެނީ ކޮންމެ 5 މީހަކުން އެންމެ މީހެކެވެ.
އެހެންނަމަވެސް ޔޫގަވްއިން ނެގި ޙިޔާލް ހޯދުމުގެ ވޯޓުން ދައްކާފައިވާ ގޮތުގައި، ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ޝާހީވެރިކަން ދެމިއޮތުމަށް ތާއީދުކުތާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިގޮތުން 2012 ވަނަ އަހަރު %75 މީހުން އެގައުމުގައި ޝާހީ ވެރިކަން އޮތުމަށް ތާއީދު ކޮށްފައި ވާއިރު، މި ތާއީދު މިހާރުވަނީ %62 އަށް ދަށަށް ގޮސްފައެވެ.
މިގޮތުން، ޝާހީވެރިކަމަށް ތާއީދުކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ޚިޔާލު ހޯދުމުގެ ނަތީޖާއިން ދައްކާފައިވާ ގޮތުގައި ޒުވާނުންގެ މެދުގައި ވަނީ މިތާއީދުވަނީ ދަށަށް ގޮސްފައެވެ.
ޔޫގޮވްއިން 2011 ވަނަ އަހަރު އެންމެ ފުރަތަމައަށް، އިނގިރޭސިވިލާތުގެ ޝާހީ ވެރިކަމަށް އާންމުގެ ތެރޭގައި އޮތް ތާއީދު ދެނެގަންނަން ފެށިއިރު، 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން ޝާހީވެރިކަން އެގައުމުގައި އޮތުމަށް ތާއީދުކޮށްފައިވަނީ %54 މީހުންނެވެ. އަދި މިއަދަދު މިހާރުވަނީ %33އަށް ދަށަށް ގޮސްފައެވެ.