މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ހިލޭ ޓްރާންސްފާއެއްގައި ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.
ރުޑިގާ، 29، ރެއާލަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ވަރަށް އަވަހަށް ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ސަޕޯޓަރުންނަށް އޭނާ ދައްކާލުން އޮންނާނެ ކަމަށް ރެއާލް މެޑްރިޑުގެ ރަސްމީ ޕޭޖުގައި ބުނެފައިވެއެވެ.
އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ރުޑިގާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އަދި ޕީއެސްޖީން ވެސް މަސައްކަތްކުރިއެވެ. ފަސް އަހަރު ޗެލްސީ އަށް ކުޅެދިން ރުޑިގާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، އެފްއޭ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ރެއާލާއެކު ރުޑިގާ ސޮއިކޮށްފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި މުސާރައިގެ ގޮތުގައި ރެއާލުން ރުޑިގާ އަށް ހަފުތާއަކު 150،000 ޕައުންޑް ދޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ