އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވި ށ.ފުނަދޫ ދިނަށަ އާމިނަތު ޝާހިދާގެ ކިބައިން ގިސޯސް ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
އާމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެހެންކަމުން ކޯޓުގައި އިއްޔެ ވަނީ ވާރިސުންގެ ބަސް ނަގާފައެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖާގެ ވާރިސުންގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށެވެ. އަދި އޭނާ ކޯޓުގައި ބުނެފައި ވަނީ ގިސޯސް ހިފަންވެސް އަދި މަރުގެ ދިޔަވެސް ބޭނުންނުވާކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމް ކުރުން ތާވަލުކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހަށެވެ.
މީގެ ހަ އަހަރު ކުރިން އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅި ވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ.
އެ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކުރިއެވެ. އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.
މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި އެކުއްޖާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ