ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ތްރީލައިން ވިޕެއް ނެރެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި މިކަމަށްޓަކައި ނެގި ވޯޓުގައި އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕަކީ 65 މެންބަރުން ތިއްބަވާ ގްރޫޕެކެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމިނަމަވެސް، މަޖިލީހުގެ ޖުޑީޗަރީ ކޮމިޓީން ވަނީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާޢަތްތައް ފުރިހަމަނުކޮށްކަމަށް ނިންމާފައެވެ. ކޮމިޓީން އެގޮތަށް ނިންމިނަމަވެސް އަންނަ ހަފްތާގެ ހޯމަދުވަހު އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހްނވަނީ ނިންމާފައެވެ.
މަޖީލީހުގެ ޖުޑީޝަރީ ކޮމިޓީން އެގޮތަށް ނިންމިނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަނުން އިޖްރާއަތްތައް ފުރިހަމަކޮށްފައިވާކަމަށް ބުނެ އެކަން ދިފާޢުކޮށްފައެވެ. ޖޭއެސްސީން ވަނީ ފަނޑިޔާރު ޢަބްދުﷲ ހަމިދުގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވެސް މަޤާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް ފަނޑިޔާރު ރައޫފް އިއްޔެ ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.
ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ޖޭއެސްސީން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ. މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެވެ. މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވެއެވެ.
ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަނެއް ކަމަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށެވެ. މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއްކަމަށް ވަނީ ބުނެފައެވެ.
ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށެވެ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނަކަމަށް ބަޔާންކޮށްފައެއްނުވާކަމަށާއި، އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައިކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ޖުޑިޝަރީ ކޮމިޓީއާ ހަވާލަދީ މީޑިއާއިން ފާހަގަކުރާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކައެވެ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނު ކަމަށާއި، އެކޮމިޓީއަށް މިކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައެއްނުވާނެކަމަށް ވަނީ ބުނެފައެވެ.
ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ޤާނޫނުއަސާސީއާ ޚިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށްކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.