އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްކޮށް ހުރެގެން ހިންގާ ކޮންސޯޓިއަމުން ޗެލްސީ ގަތުމަށް ހުށަހެޅި 5.4 ބިލިއަން ޑޮލަރަށް ކުލަބު ގަތުމުގެ މަސައްކަތް ނިންމާލައިފިކަން އެ ކުލަބުން ކަށަވަރުކޮށް ދީފިއެވެ.
ބޯލީގެ ޓީމުން ޗެލްސީ ގަތުމަށް ހުށަހަޅާފައިވަނީ ހަތަރެއް ޕޮއިންޓް ދޭއް ފަހެއް ބިލިއަން ޕައުންޑްގެ އަގެކެވެ. ޗެލްސީ ވިއްކާލުމަށް ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ނިންމީ ރަޝިޔާއިން ޔޫކްރެއިން އާއި އެރުމާއި ގުޅިގެން އިނގިރޭސި ސަރުކާރުން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭކަމަށް ބެލެވިގެންނެވެ. އަދި ފަހުން އެފިޔަވަޅު އިނގިރޭސި ސަރުކާރުންވަނީ އޭނާ އާއި ދެކޮޅަށް އަޅާފައެވެ. އެކަމުގެ ސަބަބުން ޗެލްސީއަށް ގިނަ މައްސަލަ ތަކާއި ތަތިތަކެއް މިވީ ދުވަސްތަކުގަި ދިޔައީ ދިމާވަމުންނެވެ.
ޗެލްސީން ނެރުނު ބަޔާނުގައި ބޯލީ ބުނެފައި ވަނީ، ޗެލްސީގެ ބެލެނިވެރިކަމާ ހަވާލުވުމަކީ ޝަރަފެއް ކަމަށެވެ. އަދި އޭނާ ހުރީ ސަޕޯޓަރުން އަލުން ފަހުރުވެރިވާފަދަ ނަތީޖާތަކެއް ހޯދައިދޭން ކްލަބްގެ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގެ އަމާޒުގައި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އަހަރެމެންގެ ތަސައްވުރު ވަރަށް ސާފު. ބޭނުންވަނީ ސަޕޯޓަރުން ފަހުރުވެރި ކޮށްދޭން. ޒުވާން ސްކޮޑު ތަރައްގީކޮށް، ކުލަބަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ކުރާ މަސައްކަތުގެ އިތުރަށް، ދިގު މުއްދަތަކަށް އިންވެސްޓް ކޮށްގެން ކުލަބުގެ ފަހުރުވެރި ތާރީހާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވޭ.
– ޗެލްސީން ނެރުނު ބަޔާނުގައި ބޯލީއާ ހަވާލާދީ ބުނެފައިވެއެވެ.
ބޯލީ އިސްވެ މި ކޮންސޯޓިއަމްގައި މަސައްކަތް ކުރި ނަމަވެސް ޗެލްސީގެ ހިއްސަގެ ބޮޑުބައި ދާނީ ކެލިފޯނިއާގެ ޕްރައިވެޓް އިކުއިޓީ ފަރމެއް ކަމަށްވާ ކްލިއަރލޭކް ކެޕިޓަލް އަށެވެ. އެހެން އިންވެސްޓަރުންގެ ތެރޭގައި އެމެރިކާގެ ބިލިއަނަރ މާރކް ވޯލްޓަރ އަދި ސްވިޓްޒަލަންޑްގެ ބިލިއެނަރ ހާންސްޔޯގް ވައިސް ހިމެނެއެވެ.
އަބްރަމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށެވެ. އެއީ އޭރު ގާތްގަނޑަކަށް 233 މިލިއަން ޔޫއެސް ޑޮލަރެވެ. އޭނާގެ ޗެއާމަން ކަމުގައ ހޭދަވި 19 އަހަރު ވަނީ ޓްރާންސްފާ މާކެޓުގައި ގާތްގަނޑަކަށް 2.1 ބިލިއަން ޕައުންޑު ހޭދަކޮށްފައެވެ.
މި މުއްދަތުގައި ކުލަބުގައި 13 ކޯޗުންނާ އެކު ފުޓުބޯޅައިގެ ހުރިހާ ކާމިޔާބީއެއް ޗެލްސީން ހޯދިއެވެ. ޕްރިމިއާ ލީގުގެ ފަސް ތައްޓާއި އެފްއޭ ކަޕު ވެސް ފަސް ފަހަރު ހޯދި އެވެ އޭގެ އިތުރުން ލީގު ކަޕް ވަނީ ތިން ފަހަރު ހޯދައިފައެވެ. އަދި އިނގިރޭސި ކޮމިއުނިޓީ ޝީލްޑާއި ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކުރި އިރު، ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ވަނީ ހޯދައިފައެވެ.