ކްރިމިނަލް ކޯޓުގެ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ނިންމައި ބެކްލޮގް ހުސްކުރުމުގެ ގޮތުން އެ ކޯޓުގައި މައްސަލަ ތާވަލުކުރަމުންދާ ވަގުތު އިތުރުކުރަން ނިންމައިފިއެވެ.
އެ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބެކްލޮގް ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކޯޓުގައި އާންމުކޮށް މައްސަލަތައް ތާވަލުކުރަމުން އަންނަ ވަގުތުގެ އިތުރުން، މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް މައްސަލަތައް ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.
ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި ޝެޑިއުލް ނުކުރާ މައްސަލާގައިި މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރިއެވެ.
އެބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖޭއެސްސީގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ މިހާރުގެ ޖޭއެސްސީގެ މެމްބަރުން އެކޮމިޝަނާ ޙަވާލުވެވަޑައިގެންނެވިއިރު ކްރިމިނަލް ކޯޓުގައި ޖުމުލަ 2022 މައްސަލަ އޮތް ކަމަށެވެ. ކޮންމެ އަހަރަކު އެވްރެޖްކޮށް 900 އެއްހައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާއިރު، ނުބެލި ހުންނަ މައްސަލަތައް ފުނިޖެހި އިތުރުވެފައިވާކަން ޙިސާން ފާހަގަކުރެއްވިއެވެ.
ކްރިމިނަލްކޯޓަށް ދިމާވެފައިވާ މިމައްސަލަ ޙައްލުކުރުމަށް ކުރިމަސައްކަތަށް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކޯޓުތައް ބަންދުކުރަން ޖެހުމާއި މައްސަލަތައް ކުރިއަށް ގެންދަން ޖަލުން ކޯޓަށް ޙާޒިރުކުރަންޖެހޭ ޤައިދީން ކޯޓަށް ޙާޒިރުކުރުމުގައި ދިމާވި ދަތިތައް ޙިސާން ފާހަގަކުރެއްވިއެވެ.
ބެކްލޮގް މައްސަލަތައް އަވަަހަށް ނިންމަން ހައްލެއްގެ ގޮތުގައި އޭރު ވެސް ހިސާން ވިދާޅުވީ މެންދުރުފަހު 2:00 އިން 5:00 އަށް ކޯޓުގެ ވަގުތު އިތުރުކުރުމެވެ.
ކޮމެންޓު ފޮނުވާ