އެއްކޮޅުން އިންޑިއާ އައުޓު، އަނެއްކޮޅުން އިންޑިއާގެ ހިމާޔަތުގައި! ސިޔާސީ ވާދަވެރިކަމުގެ ޝިކާރައަކަށް އިންޑިއާ!

އެއްކޮޅުން އިންޑިއާ އައުޓު، އަނެއްކޮޅުން އިންޑިއާގެ ހިމާޔަތުގައި! ސިޔާސީ ވާދަވެރިކަމުގެ ޝިކާރައަކަށް އިންޑިއާ!

Author
ހުސެއިން
28 މެއި 2022 10:04
0

އިނދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ސިޔާސީ ހަރަކާތް ވެގެން ގޮސްފައިވަނީ، ފާއިތިވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެޕާޓީން ކުރިޔަށް ގެންގޮސްފައިވާ ހަމައެކަނި ސިޔާސީ ހަރަކާތް ކަމުގައެވެ. އަދި ރައީސް ޔާމިން ޖަލުން މިނިވަން ވުމަށްފަހު، މި ހަރަކާތް ރައްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، އެޕާޓީން މި ސިޔާސީ ހަރަކާތް އެތައް ގިޔަރެއް ކުރިޔަށް ޖައްސާފައި ވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ހަމަ އެއާއެކު، އިންޑިއާ އައުޓު ސިޔާސީ ހަރަކާތައް ނިކުންނަ މީހުންގެ އަދަދު އިތުރުވެ، މިހަރަކާތުގެ ޕްރެޝަރު ސަރުކާރަށްވެސް މިހާރު އިހުސާސް ވާން ފަށައިފިކަން އެންމެފަހުން ހާމަވެގެން ދިޔައީ، އިންޑިއާ އައުޓުގެ ނަމުގަ ސިޔާސީ ހަރަކާތް ހިންގުމަކީ މަނާކަމެއްކަން ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމާ، މި ހަރަކާތް ހިންގުން ސަރުކާރުން ރަސްމީކޮށް މަނާކުރި ހިސާބުންނެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މި ހަރަކާތް މަނާކުރި ހިސާބުން ފެށިގެން، ފުލުހުން ދަނީ، މި ޝިއާރުގެ ބޭނުން ކޮށްގެން ބާއްވަމުންދާ އެއްވުންތައް ބާރުގެ ބޭނުންކޮށް ރޫޅާލާ، އަދި މި ޝިއާރުގެ ބޭނުން ކޮށްގެން ދަމަމުންދާ ބެނާތައްވެސް ނަގަމުންނެވެ.

އަދި އޭގެ އިތުރުން، އިންޑިއާ އައުޓުގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ ފަރާތްތައް ހައްޔަރުކޮށް، މިހަރަކާތް ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރިޔަށް ގެންދިއުން ހުއްޓުވުމުގެ ގޮތުން ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވާން ފަށާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހު, އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ސިޔާސީ އެންމެ ބޮޑު އެއް ހަރަކާތަކީ އިންޑިއާ އައުޓު ހަރަކާތް

މީގެ އިތުރުން، އިންޑިއާ އައުޓު ހަރަކާތަކީ ޢައިރުގާނުނީ ހަރަކާތެއްކަމަށް ސަރުކާރުން ކަނޑައެޅުމަށްފަހު، އެއްވުންތައް ބޭއްވުން މަނާކުރުމަށް ސަލާމަތީ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް އެފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މިގޮތުން، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓިގެން ނުވާނެ ކަމަށްބުނެ، މި އަސާސީ ހައްގު ނުހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

 

އެންމެ ފަހުން އިންޑިއާ އައުޓު ކެމްޕޭނާއި ދެކޮޅު ކެމްޕޭނެއް!

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން "ބާކީ ނުވޭ"ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.

މިކެމްޕެއިންގައި އިސްކޮށް ފައްޓާވާ ދެއްވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ކުރެއްވި ޓުވީޓަކުން ފައްޓަވާދެއްވި މިކެމްޕެއިންގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ބައެއް ސިޔާސީ މުވައްޒަފުންވެސް މީސް މީޑިއާގައި ގެންދަނީ ބައިވެރި ވަމުންނެވެ. އަދި މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް މިކެމްޕޭންގައި ބައިވެރިވަމުން ދާކަން ފާހަގަ ކޮށްލާން ޖެހެއެވެ.

މި ކެމްޕޭން ފައްޓަވާ ދެއްވަމުން ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ. "އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" މި ކެމްޕޭން ފައްޓަވާ ދެއްވުމަށް ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް، އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ އިންޑިއާ އައުޓު ސިޔާސީ ހަރަކާތައް އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވަނިކޮށް، ނަޝީދު އިސްވެ ހުންނަވާ، ހަމަ އިންޑިއާގެ ނަން ބޭނުން ކުރައްވައިގެން ސޯޝަލް މީޑިއާގައި ފެއްޓެވި ކެމްޕޭން އަދި "ވައިގައި" ހިފާގޮތް ނުވިނަމަވެސް، މި ކެމްޕޭނާއެކު، ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ތަޅާފޮޅުމުގެ އެންމެ މުހިންމު މައުޞޫއަކަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ރަސްމީ ހައިސިއްޔަތުން އިންޑިއާ ހަދާފައިވާކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރުވަނީ ފާހަގަ ކުރަން ފަށާފައެވެ.

އެއްބަޔަކު އިންޑިއާގެ ނަން ބޭނުންކޮށްގެން ސަރުކާރަށް އެކި ބާވަތުގެ ޕްރެޝަރުތައް ކުރިމަތި ކުރުވުމުގައެވެ. އަނެއްބަޔަކު އިންޑިއާއާއި ދެކޮޅު ނުވުމަށާއި އަދި އެބީދައިން އަމިއްލައަށް ބާކީވެ ނުގަތުމަށް ގޮވާލާ، ހަމަ އިންޑިއާގެ ނަން ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކާއި ދެކޮޅު ކެމްޕޭން ހިންގުމުގައެވެ.

އިންޑިއާ އައުޓު ހަރަކާތް ހުއްޓުވުމަށް ފުލުހުން ސަފު ހަދާލައިގެން

ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، އިދިކޮޅު ފަރާތްތަކާއި އަދި އެއްކޮޅު ފަރާތްތަކުގެ ވެސް ސިޔާސީ ކޯޅުމުގެ އެންމެ މުހިން މައުޟޫއަކަށް މިއަދު ރަސްމީ ހައިސިއްޔަތުން އިންޑިއާ ހަދާފައިވާ ކަމެވެ. އަދި ރާއްޖޭގެ ސިޔާސީ ކޯޅުމުގެ އެންމެ މުހިންމު މައުޟޫއަކަށް އިންޑިއާ ވެގެން ދިއުމަކީ އެންމެ ފައިދާ ހުރިގޮތްތޯ ނުވަތަ އޭގެ ހަގީގީ ޕްރެޝަރު އޮތީ ކޮން ފަރާތަކަށްތޯ މިއީ މިއަދު ޖަވާބު ހޯދާން ޖެހިފައިވާ މުހިންމު ސުވާލެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

 

ދެމެދުގައި އިންޑިއާ ފިތިފައި!

އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާންފެށި އިންޑިއާ އައުޓު ކެމްޕޭނާއި ދެކޮޅަށް ނަޝީދު އިސްވެ ހުންނަވައިގެން "ބާކީނުވޭ"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފެއްޓެވިފަހުން، އެ ކެމްޕޭން އެންމެ އެކަށީގެންވާ ގޮތުގައި ކުރިޔަށްދާތަން އަދި ފެންނާން ނެތް ނަމަވެސް، ސަރުކާރަށް ތާއީދުކުރާ އަދި ނަޝީދަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މަދުން ނަމަވެސް، ސޯޝަލް މީޑިއާގައި "ބާކީނުވޭ" ހޭޝްޓެގް ބޭނުން ކޮށްގެން ޓުވީޓުތައް ކުރަމުންދާތަން ފެންނަމުން ދެއެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ ނުކުތާއަކީ، އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕޭނަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ކުރިޔަށްގެންދަމުންދާ ކެމްޕޭނެއް ނޫންކަމެވެ. މި ކެމްޕޭނަކީ މައިގަޑު ގޮތެއްގައި "އިންޑިއާ އައުޓު"ގެ ނަމުގައި މަގުމަތީގައި ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމެވެ. އަދި ގިނަބަޔަކު ފާހަގަކުރާ ގޮތުގައި، އިދިކޮޅު ޕީޕީއެމްއިން މިހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދަމުންދާތާ 2 އަހަރެއްހާ ދުވަސް ފާއިތުވެ، އަދި ސަރުކާރުން މިއީ އައިރުގާނޫނީ ހަރަކާތެއްކަމަށް ނިންމާފައިވަނިކޮށް، އަލުން އިންޑިއާގެ ނަން ބޭނުންކޮށްގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށަން މަޖުބުރުވެގެން ދިޔައީ ހަގީގަތުގައިވެސް، އެކި ގޮތްގޮތުން "އިންޑިއާ އައުޓު" ހަރަކާތުގެ ނުރަގަޅު ޕްރެޝަރު އިހުސާސް ކުރެވެމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ، މިއީ ހަގީގަތުގައިވެސް އިދިކޮޅު ފަރާތްތަކުގެ އިންޑިއާ އައުޓު ކެމްޕޭނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައިވެސް މެއެވެ.

ރައީސް ސާލިހުގެ ގަރާރަކުން އިންޑިއާއައު ހުއްޓުވުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅިފައިވާ ހުރަހެއް ކަމުގައި އެމްނެސްޓީ އިންޓަރޝޭނަލްއިން ވަނީ ބުނެފައި

އެހެންނަމަވެސް، ރާއްޖެއާއި އެންމެ ބޮޑު ގުޅުމެއް އޮންނަ، އަދި ހުރިހާ ގޮތަކުންވެސް ރާއްޖެއާއި އެންމެ ގާތްކަން އޮތް ގައުމުގެ ނަން ބޭނުން ކޮށްގެން އެއްވެސް ބަޔަކު ސިޔާސީ މަގުސަދެއް ހާސިލްކުރުން މިއީ، ރާއްޖެއިން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތައް އެންމެ ރަގަޅު ގޮތް ނޫންކަން މިއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އެއީ ސަރުކާރާ އިދިކޮޅު ފަރާތް ކަމުގައިވިޔަސް، އަދި އެއްކޮޅު ފަރާތްކަމުގައި ވިޔަސްވެސް މިހަގީގަތް އޮތީ މި ގޮތުގައި ކަމުގައި ދަންނަވާން ޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.