ދުނިޔެއަށް ދަރިއަކު އުފަންވުމުގެ ކުރިންވެސް ކޮންމެ ދެމަފިރިއަކުވެސް ދެކޭނެ ހުވަފެނަކީ ލިބޭ ދަރިފުޅު ބޮޑުވެ ހެޔޮލަފާ ދަރިއަކަށްވާނެދުވަހެވެ. ދިމާވާ ކަންތައްތަކާ ސާބިތުކަމާއެކު ކުރިމަތިލާންކެރޭ ކާމިޔާބު ދަރިއަކު ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ފޮނި އުންމީދެކެވެ. އެކަމަކު މި ހުވަފެންތަކުގައި ކުލަޖެހި ދަރިފުޅުގެ މުސްތަޤުބަލު އުޖާލާވެގެންދަނީ ޅައިރު ދަރިފުޅަށްދެވޭ ތަރުބިއްޔަތުންނެވެ.
އެކި މީހުން ދަރިންތަރުބިއްޔަތު ކުރުމުގައި އެކި އުކުޅުތަށް ބޭނުންކޮށް ތަފާތު ކަންތައްތައް ތަޖުރިބާ ކުރެއެވެ. ދަރިއަކު ބޮޑުވެ ހަރުދަނާ ހެޔޮލަފާ މީހަކަށް ވުމުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ދަރިފުޅު ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ގެންގުޅޭ އުސޫލެވެ.
މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އަދި ދަރިންގެ ކަންކަން ކަނޑައަޅާ ނިންމުމުގައި ދަރިންގެ ހިޔާލާއި ވިސްނުން ހޯދާ، މަޝްވަރާއާއެކު ކަންކަން ނިންމުމަކީ ދަރިންބެލުމުގެ އެއް އުސޫލެވެ. މިއުސޫލުގައި ދަރިންގެ ޖަޒުބާތުތަކަށް ގަދަރުކޮށް ދިރިއުޅުމުގެ ކަންކަން ނިންމުމުގައި ދަރިންގެ ހިޔާލާއި މަޝްވަރާ މައިންބަފައިން ހޯދައެވެ. އަދި ދަރިފުޅު އެދޭގޮތަށް ކަން ނިންމުން މައިންބަފައިންނަށް ގޯސްކަމުގައި ހީވަނީނަމަ އެކަމެއްގެ އެދޭވޭ ސަބަބު ބުނެދީ ވާހަކަދައްކައިގެން ސުލްހަވެރި ބަހުސަކުން ވިސްނައިދެވެއެވެ. އަދި އެ ލަނޑުދަޑިއަށް ވާސިލް ވުމަށްޓަކައި މައިންބަފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެއެވެ.
ކުޑައިރުންސުރު ދަރިފުޅު ބިނާކުރުމުގައި މި އުސޫލު ބޭނުންކުރާނަމަ ބޮޑުވެގެން އެކުއްޖާގެ ކިބައިން އެދެވޭ އެތައް ސިފައެއް ފެންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މިފަދަ ކުދިންގެ އުފާވެރި މިޒާޖެއް ހުންނަ ކަމަށާއި އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުކަމަށްވެއެވެ. އަދި ކިޔެވުމުގައި ތޫނުފިލިވެ ރަނގަޅު ނަތީޖާ ނެރޭ ކަމަށް ބައެއް ދިރާސާތަކުން ދައްކާއިރު އިޖުތިމާއީ ކަންކަމުގައި މީހުނާ ގުޅިގެން މަސައްކަތްކުރުމާއި ހަރަކާތްތެރިވެ އުޅުން ފާހަގަކޮށްލެވޭހާ ރަގަނޅެވެ. އަދި ކުށްތަކަށް އަރައިގަތުމާއި ކުދިކުދި ކަންކަމާއި ރުޅިއައުންވެސް ދަށް ކަމަށްވެއެވެ. ސިކުނޑީގެ ބަލިތަކުގެ ޝިކާރައަކަށް ވުންވެސް މިކުދިންގެ ތެރޭގައި މަދުކަން މި ދިރާސާއިން ދައްކައެވެ.
މި މައުލޫމާތަކީ ކުއީންސްލޭންޑް ބުރެއިން އިސްޓިޓިއުޓް އަދި ވީޔޫ ޔުނިވަރސިޓީ އޮފް އެމްސްޓަޑަމް އިން ފާއިތުވި 50 އަހަރު މައުލޫމާތު އެއްކޮށް ހަދާފައިވާ ދިރާސާއަކުން ނަގާފައިވާ މައުލޫމާތެކެވެ.