ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ އެރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް އެލްޖީއޭއިން މަޝްވަރާ ކުރައްވައިފިއެވެ.
ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީއެވެ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހު ތާރީޚެއްގެ ގޮތުގައި އެލްޖީއޭ އިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 އެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންތައް ހެދުމުގައި ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައެވެ. އެލްޖީއޭއިން އިންޑިއާ އެމްބަސީއާއިއެކު ކުރެވުނު މަޝްވަރާތަކުގައި އެންމެ ބޮޑަށް އެދިފައިވާނީ މިކަމުގައި މާލީ އެހީތެރިކަން ހޯދުމަށްކަމަށެވެ. އަދި މިކަމަކީ ފަންނީ އަދި ވަރަށް ޓެކްނިކަލް މަސައްކަތަކަަށްވުމުން ފަންނީ އެހީތެރިކަމަށްވެސް އެދިފައިވާނެކަމަށެވެ. މިކަމުގައި އިންޑިއާ ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމުގެ އިޝާރާތެއް މިމަޝްވަރާތަކުން ލިބިފައިވާކަމަށް އެލްޖީއޭއިން ވިދަޅުވެއެވެ.
ލޭންޑް ޔޫސް ޕްލޭން ހެދުމުގައި އެއޮތޯރިޓީން އަދިވެސް އިސްކަންދޭނީ މިމަސައްކަތް ކުރެވޭނެ ދިވެހިންނަށްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވަރަކަށް ލޭންޑް ޔޫސް ޕްލޭން ހެދިފައި ނުވާ 44 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިމަސައްކަތް ކޮށްދޭނެ ޓެކްނިކަލް މީހުން އެންމެ ބޭނުންވާ މިންވަރަށް ނެތުމުންކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ހެދުމަކީ ޓެކްނިކަލީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށްވާއިރު މިކަން ކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ލިބޭވަރަކުން ދިވެހިންނަށް ފުރުސަތު ދިނުމުގައި އިސްކަން ދެއްވާނެކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްޤީގެ ކަންކަމާއިވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ބަޔަކީ ލޭންޑް ޔޫސް ޕްލޭނަށްވާއިރު މިމަސައްކަތްްތައް މިހާރުވެސް ލަސްވެފައިވުމަކީ ރަށްރަށުގެ ކައުންސިލްތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެލްޖީއޭއިން މިހާރު މަސައްކަތް ކުރަމުންދަނީ މާލީ ބޭރުގެ އެކި ފަރާތްތަކުގެ މާލީ އެހީތެރިކަމާއިއެކުގައިވެސް މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި އިސްލާހުތަކާއެކު ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓުގައި މައި ސަރުކާރުން ދެން އަތެއް ނުލާނެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފައެވެ.