ނަޝީދު ސިރިސޭނާއާއި ބައްދަލުކޮށް، އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް އެދިއްޖެ

ނަޝީދު ސިރިސޭނާއާއި ބައްދަލުކޮށް، އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
20 މެއި 2022 10:21
0

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށްޓަކައި ލަންކާގެ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވަނީ އެގައުމުގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގައެވެ. ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެކަން ޤަބޫލުފުޅުކުރައްވައި ސްރީލަންކާއިން ރައީސް ނަޝީދާއި ވަނީ ހަވާލު ކުރައްވާފައެވެ.

ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ސިރިސޭނާއާއިއެކު ބޭއްވި ބައްދަލުވުމުގައި ލަންކާގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އެއް މިސްރާބަކަށް މަސައްކަތް ކުރަން ޖެހުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އަލަށް އެކުލަވާލާފައިވާ ލަންކާގެ ސަރުކާރަށް ސިރިސޭނާގެ ޕާޓީން ތާއީދުކުރެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ސުރީލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއާއެކު އެ ޤައުމަށް ބޭނުންވާއި ގޭހާއި ތެލާއި ކާބޯތަކެއްޗާއި ބޭސް ގަތުމަށް ބޭރުގެ އިދާރާތަކާއި ޤައުމުތަކުގެ މާލީ އެހީތެރިކަމަށް އެދުމަށްވަނީ މަޖުބޫރުވެފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އަދި އެ މަޤާމަށް ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.