އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އޭޝްލީ ބާންސް ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް އެސްޓަން ވިލާއިން އެއްވަރުކުރީ ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެމީ ބުއެންޑިއާއެވެ. މެޗުގެ އިތުރު ވަގުތުގައި ބާންލީގެ ޑިފެންޑަރު މެތިއު ލޯޓަން އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފައެވެ.
މިއާ އެކު ރެލިގޭޓްވާ ތިންވަނަ ޓީމެއް ޔަގީން ވާނީ މި ސީޒަނުގައި ޕްރިމިއާ ލީގު ފަހު ރޭ؛ އާދިއްތަ ދުވަހުގެ ރެއެވެ. އެރޭ ބާންލީން އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ލީޑްސް ނުކުންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ.
މިމެޗް އެއްވަރު ވުމުން ފަހު މެޗަށް ނިކުންނައިރު ރެލިގޭޝަނުން ސަލާމަތްވުމުގެ އަމިއްލަ ބާރު ބަރންލީއަށް އެބައޮތެވެ. އެއީ ކުޅުނު 37 މެޗުން 35 ޕޮއިންޓް ލިބި 18 ވަނައިގާ އުޅޭ ލީޑްސް އަށް ވުރެ ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމްގެ މެދުގައި 20 ގޯލްގެ ތަފާތެއް އެބައުޅެއެވެ. އެގޮތުން ބަރންލީއަށް މައިނަސް 18 ގޯލް އުޅޭއިރު، ލީޑްސްގެ މައިނަސް 38 ގޯލް އެބައޮތެވެ.
ކޮމެންޓު ފޮނުވާ