އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެެ މަނިކުފާނު މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.
އިދިކޮޅުން މީގެ ކުރިންވެސް ވަނީ ރައްޔިތުންނާ ގުޅުންހުރި މައްސަލަތައް މަޖިލީހުން ނުބަލާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީގް އުމަރު ވިދާޅުވީ، މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މަސައްކަތް ނެތިގެން އަވަހަށް ނިންމާލާއިރު، ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތަށް މި ގައުމުގައި އެބަހުރި ކަމަށެވެ. އަދި އެ ކަންކަމާ ގުޅިގެން އިދިކޮޅުގެ ފަރާތުން މަޖިލީހަށް ވަރަށް ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން އޮތީ ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފައި ކަމަށެވެ.
މަޖިލިސް ހުއްޓުވާލައިފައި މި އޮންނަނީ ސަރުކާރުން ގަސްދުގައި ކުރާ ކަމެއްގެ ގޮތުގައި. ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފު ކަމެއް ކަމަށެވެ. އެކަން ކުރަމުންދަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސަރުކާރުން ކޮންމެ "ރޭވުމެއް" ރޭވި ކަމުގައިވީ ނަމަވެސް އޮޕޮޒިޝަންގެ ފަރާތުން ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލިސް މި ދައުރު ފެށިގެން ދިޔައިރު، މަޖިލިސް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ބޭނުންވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެއްކޮށްލައިގެން މަޖިލީހުގެ އަޑު ކަނޑުވާލަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އޭގެ ފަހުން މަޖިލީހަށް އެކިއެކި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރުވަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މަޖިލިސްގެ ބާރު މިއަދު މި ވަނީ ކަނޑުވާލާފައި، މަޖިލިސް މިއޮތީ ސަރުކާރުން ހިސޯރު ކޮށްފައި، އެހެންވީމާ ހަގީގަތުގައި މި މަޖިލިސްގެ އެންމެ ފުރިހަމައަށް ނަތީޖާއެއް ނުނެރެވޭ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ސަރުކާރުން ހުއްޓުވަނީ އެންމެ ފަހުން އެމްޑީޕީއިން ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން ކުރިމަތިވި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި، މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެ، ނަޝީދު މަސައްކަތްޕުޅު ކުރެއްވީ މަޖިލީހަކީ ޒިންމާދާރު، ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށް ހެއްދެވޭތޯއެވެ. އެކަމަކު، ސަރުކާރުގެ އޭރުގެ ވެސް އަމާޒަކަށް ވީ ސަރުކާރާއި މަޖިލިސް އެއްކޮށްލައިގެން ވެރިކަން ކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ރައީސް މިހާރު އެ ވަނީ މަސައްކަތްޕުޅުގައި ޑެޑްލޮކަކަށް އައިސް ނުވަތަ މަރުތަޅު އެޅުވިފައި. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އިންތިހާބަށް ފަހުގައި ރައީސަށް ޖެހިލުންވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ބޭރުކޮށްފާނެ ކަމަށް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ހިސޯރުކޮށްފައި އޮތުމުން މިއަދު މަޖިލީހުގެ އެންމެ ފުރިހަމަ ނަތީޖާ ނުނެރެވޭ ކަމަށާއި، ކޮމިޓީތަކުގައިވެސް އެތައް ދުވަހެއް ވެފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅުންހުރި މައްސަލަ އެބަހުރި ކަމަށް އޭނަ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮމެޓީތައް ވެސް ވަނީ ސަރުކާރުން ހިސޯރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ