ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ކުއްޖާ "ފޮރުވައިގެން" ގެންގުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުއެވެ. ނަމަވެސް އޭނާގެ މައްޗަށް ތުުހުމަތުކުރެވޭ ކުށްކުރި ކަމަށް ބާރު ލިބިދޭ ހެކި ހުށަހަޅާފައި ނެތުމާއި ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް އޭރު ކްރިމިނަލް ކޯޓުން ނިންމީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ނަމަވެސް ބަންދުން ދޫކޮށްލުމާއިއެކު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅިގެން އިތުރު ހެއްކާ އެކު ދެ ވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުން މި މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދިނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ކުޑަކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިކަން، ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެއެވެ. އަދި އޭނާ އެ ކުއްޖާއާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށާއި އެ ކުއްޖާ ގޮވައިގެން މާލެއަށް އައިކަން ސީީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ކުއްޖާއާ އަންނައުނު ހަވާލުކުރަން މި މީހާ ވަނީ ޖެންޑާ މިނިސްޓްރީ އަށް ފޯމު ވެސް ހުށަހަޅައިފައެވެ.
ކޮމެންޓު ފޮނުވާ