ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އާންމުކޮށް، ކަދުރު ބަހަން ފަށައިފި

ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އާންމުކޮށް، ކަދުރު ބަހަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
18 މެއި 2022 11:12
0

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު ބަހާނެ އުސޫލު އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު (25,000 ޕަކެޓު) ކަދުރު މި މިނިސްޓްރީއަށް ވަނީ ލިބިފައިކަމަށެވެ.

މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކަމަށާއި، އަދި 2022 (1443) ވަނަ އަހަރު މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންކަމަށެވެ.

މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.

މިގޮތުން، ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަންދީގެން ކަދުރު ޙަވާލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ބަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އެހެންކަމުން، ކަދުރު ޙަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނެވުމަށް ވަނީ ދަންނަވާފައެވެ. ކަދުރު ބަހާނީ މިމަހުގެ ނިޔަލަށް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.