ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ ވޯޓުލުން މާލެއާއި އަތޮޅުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 14:00 ގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،100 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާއިއެކު ކުރިއަށްދާ މި އިންތިޚާބުގައި އެކޯލިޝަންގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ވޯޓުލަމުންނެވެ. އަމާން ކަމާއިއެކު އިންތިޚާބުގެ ކަންކަން ކުރިއަށްދާއިރު މިރޭ ވަގުތީ ނަތީޖާތައް އިއުލާނު ކުރާނެކަމަށް ލަފާކުރެވެއެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދަނީ ޢިއްޒުއްދީން ސްކޫލް (އެމްއީއެސް)ގައެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގެ ކޮމިޓީތަކަށް ވޯޓުލާނީ އެ ދެއަވަށުގައި ޚާއްސަ ކުރެވިފައިވާ ވޯޓު ފޮށްޓަށް ކަމަށެވެ.
ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބު ކުރެވޭ މަޤާމުތައް:
* ޢާންމު މެމްބަރުން
* އަންހެން މެމްބަރު
* ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)
އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ސްޓިއަރިން ކޮމިޓީ އެކުލަވާލާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް އިންތިޙާބެއް ބާއްވާއިރު، ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ