އައްޑޫ ޕޮލިސް އެކަޑަމީ އަންނަ މާރޗް މަހުގެ 29 ގައި ހުޅުވަނީ

އައްޑޫ ޕޮލިސް އެކަޑަމީ އަންނަ މާރޗް މަހުގެ 29 ގައި ހުޅުވަނީ

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2020 02:41
0

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް އެކަޑަމީ އަންނަ އަހަރުގެ މާރޗް މަހުގެ 29 ގައި ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ސީޕީ ޙަމީދު ވިދާޅުވީ، އައްޑޫގައި ތަރައްޤީކުރަމުން އަންނަ ފުލުހުންގެ ސެކިއުރިޓީޒް އެންޑް ލޯއެންފޯސްމަންޓް އިންސްޓިޓިއުޓަކީ ފުލުހުންގެ މަސައްކަތަށް އިތުރު ކުރިއެރުމާއި ބަދަލުތައް ގެނުވާނެ އިންސްޓިޓިުޓަކަށްވާނެކަމަށެވެ. ސީޕީ ހަމީދު ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުން މިހާތަނަށް ތަމްރީނުތައް ފުރިހަމަ ކުރަމުން އައީ އެންމެ ފުރިހަމަ ވަސީލަތްތަކާއި އެކު ނޫންކަމަށާއި، ނަމަވެސް މިތަން ނިމުމުން ފުލުހުންގެ ބޮޑެތި މައިގަނޑު ޓްރެއިނިން ތަކާއި، އެކު އެހެން ގައުމު ތަކުގެ ފުލުހުންނާއި ގުޅިގެން ހިންގޭ ތަމްރީނުތައް ވެސް މިއެކަޑަމީގައި ކުރިއަށް ދާނެކަމަށެވެ.

އައްޑޫގައި ޢިމާރަތްކުރަމުންދާ އެމަރުކަޒުގެ މަސައްކަތް މިހާރު ނިމުމަކާއި ގަތްވެފައިވާއިރު އަންނަ އަހަރުގެ މަރޗް މަހުގެ 29 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ. އެއީ ފުލުހުންގެ އަގަރީ ދުވަހެވެ.

ފުލުހުންގެ އެކަޑަމީއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި 40 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޢިމާރާތްކުރާ މަރުކަޒެކެވެ. އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީއަށް އިންޑިއާގެ ނުފޫޒު އޮތްތަނެއްކަމަށާއި، އިންދިއާ ފުލުހުން އެތަނުގައި ޤާއިމްވެ ތިބޭނެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އެފަދަ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށާއި، އެއީ ޕޮލިސް އެކަޑަމީއަކީ ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި އިންޑިއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުން އަންނަ މަރުކަޒެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.