ލީގުގެ ރޭހުގައި ސިޓީއަށް އިތުރު ޕްރެޝަރެއް

ލީގުގެ ރޭހުގައި ސިޓީއަށް އިތުރު ޕްރެޝަރެއް

Author
މުޙައްމަދު ޝަޒައިމް
16 މެއި 2022 06:48
0

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ވެސްޓް ހަމް ޔުނައިޓެޑާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ އެއްވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު މެންޗެސްޓަ ސިޓީން ނަގާލައިފިއެވެ.

މިރޭގެ މެޗުގައި ސިޓީން ނަތީޖާ އެއްވަރު ކުރީ ވެސްޓް ހަމް އިން ދެ ގޯލްގެ ލީޑެއް ނަގާފައި ވަނިކޮށެވެ. ވެސްޓް ހަމްގެ ދެ ގޯލްވެސް ޖަހައިދިނީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖެރޮޑް ބޮވެންއެވެ. ބޮވެން ފުރަތަމަ ގޯލް ޖެހީ 24 ވަނަ މިނެޓުގައި ޕަބްލޯ ފޯނަލްސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޭނާގެ ދެވަނަ ގޯލް ޖެހީ މިކެލް އެންޓޯނިއޯގެ އެހީތެރިކަމާއެކުއެވެ.

ދެވަނަ ހާފުގައި ސިޓީން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެކް ގްރީލިޝް ގޯލެއް ޖަހައި ސިޓީ އަށް ފަރަގު ކުޑަކޮށްދިނެވެ. ސިޓީން ނަތިޖާ އެއްވަރު ކުރީ ރިޔާދް މާރޭޒް ނަގައިދިން ހުރަހެއްގައި ވެސްޓް ހަމްގެ ޑިފެންޑަރު ވްލަޑިމިއަ ކޯފަލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަކަށް ވެފައި ވަނިކޮށް ލީޑު ނަގަން ސިޓީ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް މާރޭޒް ފޮނުވާލި ޕެނަލްޓީ ވެސްޓް ހަމްގެ ކީޕަރު ލޫކަޒް ފަބިއާންސްކީ ވަނީ މަތަކޮށްފައެވެ. ސިޓީ އަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސުސް އަށް ވެސްޓް ހަމްގެ ކުޅުންތެރިއަކު ފައުލް ކުރުމުންނެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ސިޓީ އެއްވަނައިގައި އޮތީ 90 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް ވިއްދާފައި އޮތީ 86 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން މޮޅުވެގެން ގާތްގަނޑަކަށް ލީގު ކަށަވަރު ކުރުމުގެ ފުރުސަތު ސިޓީ އަށް އޮތެވެ. މި މެޗުން އެއްވަރުވި ނަމަވެސް ފަހު މެޗުގައި އެސްޓާ ވިލާ އަތުން ސިޓީ މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން އެ ޓީމަށް ލިބޭނެއެވެ. އޭގެ ކުރިން އަންނަ އަންގާރު ދުވަހުގެ ރޭ ސައުތެމްޓަންއާ ވާދަކުރާ މެޗުން ލިވަޕޫލް ބަލިވެއްޖެ ނަމަ ސިޓީ އަށް ލީގު ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.