މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދަމަހައްޓައިފިއެވެ.
ސީލައިފުން ގިނަ ބައެއްގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އައްމަޓީއަށް ދައުވާ ކުރި މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް ބަންދު ކުރީ ހައި ކޯޓުންނެވެ. ފަހުން ތިންވަނަ ފަހަރަށް ވެސް އަންމަޓީ ދޫކޮށްލިއެވެ.
މި ފަހަރު ވެސް ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ހުކުމް އިއްވުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުން އަންމަޓީގެ ބަންދަށް ލުއިދޭން ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ އޭނާ ފިލައިގެން ނުދެވޭނެކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ހުކުމުގައި ވެއެވެ.
ހައި ކޯޓުން މި ހުކުމް ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
އައްމަޓީގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން ޕާސްޕޯޓްގެ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުއެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.
ކޮމެންޓު ފޮނުވާ