މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ޗެއަރ ޕާރސަން އިންތިޚާބުގެ ހިރިހާ ވޯޓު ފޮއްޓެއް ބަންދުކޮށް، އެކި ރަށްރަށާއި މާލޭގައި ބެހެއްޓިފައިވާ ވޯޓު ފޮށިތައް ގުނަން ފަށާފައި ވާއިރު، ގުނަމުންދާ ފޮށިތަކުން، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރި ހޯއްދަވަން ފައްޓަވައިފިއެވެ.
މިގޮތުން ގިނަ ރަށްރަށުގެ ވޯޓުތައް އިއުލާން ކުރެވެމުން ދާއިރު، ގިނަ ރަށްރަށް ފައްޔާޒު ގެންދަވަނީ ކާމިޔާބު ކުރައްވަމުންނެވެ. މިހާތަނަށް ގުނިފައިވާ ވޯޓަށް ބަލާއިރު ފައްޔާޒު އުޅުއްވަނީ އިންތިއަށްވުރެ %50 ކުރީގައިކަން ފާހަގަ ކޮށްލެވެއެވެ.
ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް މާލޭގެ ބައެއް ފޮށިތަކުންވެސް ފައްޔާޒު ދަނީ ކުި ހޯއްދަވަމުންނެވެ. މިގޮތުން، މާފަންނު ދެކުނު T1-12 ފޮށި ފައްޔާޒު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. މިފޮށިން ފައްޔާޒަށް 160 ވޯޓު ލިބިފައިވާއިރު، އިންތިއަށް ލިބިފައިވަނީ 117 ވޯޓެވެ. ބޮޑެތި އާބާދީތަކުގެ ތެރެއިން، ގދ. ތިނަދޫގައި މިހާތަނަށް ގުނާފައިވާ ބައެއް ފޮށިތަކުން ކުޑަތަފާތަކުން އިންތިވަނީ ކުރި ހޯއްދަވާފައެވެ. ގދ. ތިނަދޫ މާލޭ ދެކުނު ފޮށި އިންތި ކާމިޔާބު ކޮށްފވަނީ 63 ވޯޓު ހޯއްދަވައިގެންނެވެ. މި ފޮށިން ފައްޔާޒަށް ލިބިފައިވަނީ 56 ވޯޓެވެ.
އެހެންނަމަވެސް، އަދި ގިނަ އަދަދެއްގެ ފޮށިތަކެއް ގުނަން ޖެހިފައިވާއިރު، މި ނަތީޖާއަށް ބަދަލު އަންނަމުން ދާނޭ ކަމުގައި ފާހަގަ ކޮށްލެވެއެވެ. އަދި ވަކީން ޚާއްސަކަށް މާލެއާއި، އައްޑޫ އަދި ގދ. ތިނަދޫފަ އާބާދީ ބޮޑެތި ރަށްތަކުގެ ނަތިޖާތައް އަންނަ ގޮތަކުން އިންތިޚާބުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އަންނާނޭކަމުގައި ވަނީ ބެލެވިފައެވެ.
އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދާއި ބަހައްޓާ ވޯޓު ފޮށިގެ އަދަދުތައް:
– 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ
– މާލޭގައި 87 ފޮށި
– ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.
– އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.
– ޔޫތު ވިންގަށް 32،057 މެމްބަރުން.