މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ވޯޓު ލުމުގެ ވަގުތު ހަވީރު 6:00 އާއި ހަމައަށް އިތުރު ކޮށްފިއެވެ.
އެމްޑީޕީގެ ސެކެޓްރިއޭޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ އެޕާޓީގެ އެތެރޭގެ އިންތިޚާބު 2022 ގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ކަމުގައެވެ.
މިހާރު ކުރިއަށްދާ މިޕާޓީގެ އެތެރޭގެ އިންތިޚާބު 2022 ގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަން #އެމްޑީޕީގެއެތެރޭގެއިންތިޚާބު2022
— MDP Secretariat (@MDPSecretariat) May 14, 2022
ކުރިޔަށްދާ މި އިންތިޚާބުތަކުގެ ވޯޓުލުން ފެށިފައިވަނީ ހެނދުނު 9:00ގައެވެ. އަދި ހެނދުނު ހެދުނާ، ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނާއި ޕާޓިގެ އިސް ދެބެފުޅުން ކަމަށްވާ ރައީސް ސާލިހާއި ރައީސް ނަޝީދުވެސް ވަނިީ ވޯޓު ލައްވާފައެވެ.
ޗެއަރޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދާއި ބަހައްޓާ ވޯޓު ފޮށިގެ އަދަދުތައް
– 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ
– މާލޭގައި 87 ފޮށި
– ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.
– އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.
– ޔޫތު ވިންގަށް 32،057 މެމްބަރުން.
އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ޓީމުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ވާދަވެރި ކެމްޕޭނެއް ކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާދަކުރެއްވި ނަމަވެސް، މިއިންތިޚާބު ބެލެވެިފައިވަނީ، ރައީސް ސާލިޙާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރި ކަމެއްގެ ގޮތުގައެވެ. އަދި ދެބޭފުޅުންވެސް ވަނީ، ފާޅުގައި ކެމްޕޭނަށް ނުކުމެވަޑައިނުގެން، އެހެންނަމަވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.