44 ބިލިއަން އެމެރިކާ ޑޮލަރަށް، މަޝްހޫރު ޓުވިޓަރ ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތުމަށް ކުރަމުން އައި މަޝްވަރާތައް އެލޮން މަސްކު މަޑު ޖައްސާލައިފިއެވެ. މަސްކުގެ ޓުވިޓަރ ޑީލަށް ހުއްޓުމަށް ގެނެސްފައިވަނީ، ޓުވިޓަރ ޕްލެޓްފޯމުގައި ހަދާފައިވާ ފޭކް އެކައުންޓުތައް ނުވަތަ ސްޕޭމް އެކައުންޓު ތަކުގެ މައުލޫމާތު ލިބެންދެން ކަމުގައި އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
މަސްކު ވިދާޅުވެފައިވާ ގޮތުގައި، އޭނާ އިންތިޒާރު ކުރަމުން އަންނަނީ، "ޓުވިޓަރ ބޭނުން ކުރަމުންދާ މީހުންގެ ތެރެއިން %5އަށްވުރެ ދަށުގައިހުރި ބުނާ ފޭކް އެކައުޓުތަކުގެ ހިސާބުތައް ހެދުމަށް ބޭނުންވާ މައުލޫމާތު" ލިބެންދެނެވެ.
Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of usershttps://t.co/Y2t0QMuuyn
— Elon Musk (@elonmusk) May 13, 2022
މީގެ ކުރިން މަސްކުވަނީ ޓުވިޓަރ ޕްލެޓްފޯމުގައި އުފައްދާފައި ހުރި ފޭކް އެކައުންޓުތައް އެކީ ސާފުކުރުމުގެ ބޭނުންތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
އެހެންނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މަސްކުގެ އަސްލު މަގުސަދަކީ އަގާއި ގުޅޭގޮތުން އަލުން މަޝްވަރާކުރާޖެ ޖާގަ ހޯދުން ނުވަތަ، މިޑީލް ދޫކޮށްލާނޭ ފުރުސަތު ހޯދުމެވެ.
ޓުވިޓަރ ގަތުން މަޑު ޖައްސާލާފައި ވާކަން ހާމަކޮށް މަސްކު ޓުވީޓު ކުރުމާއެކު، މި މުއާމަލާތު ކުރީގެ އަގާއި އަޅާބަލާ، ހިއްސާގެ ބާޒާރުގައި ޓުވިޓަރގެ ހިއްސާގެ އަގުވަނީ %25 ދަށަށް ގޮސްފައެވެ.
މަސްކުއާއި ޓުވިޓަރއާ ދެމެދު ހަދާފައިވާ އެގްރީމަންޓުގައި ވާގޮތުން، ދެފަރާތުންކުރެ އެއްވެސް ފަރާތަކުން މި މުއާމަލާތް ހުއްޓުމަކަށް ގެނެސްފިނަމަ، އެފަރާތަކުން އަނެއްފަރާތަށް ޓާރމިނޭޝަން ފީއެއްގެ ގޮތުގައި 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.
މީގެ ދެހަފްތާކުރިން ޓުވިޓަރއިން ހާމަ ކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަ 3 މަސްދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް ޓުވިޓަރ ބޭނުން ކުރަމުންދާ މީހުންގެ ނިސްބަތަށް ބަލާއިރު ފޭކް އެކައުންޓުތަކުން ނިސްބަތަކީ ކޮންމެ ދުވަހަކުވެސް ޓުވިޓަރ ބޭނުންކުރަމުންދާ މީހުންގެ %5 އަށްވުރެ ދަށް އަދަދެކެވެ.
އެހެންނަމަވެސް ޓުވިޓަރ ކުންފުނިން ބުނެފައިވާ ގޮތުގައި، ފޭކް އެކައުންޓުގެ ނިސްބަތް ކަނޑައެޅުމުގައި "ބޭނުން ކޮށްފައިވަނީ، ވަރަށް ރަގަޅު ލަފާކުރުންތަކެއް ކަމުގައިވާތީ، މިގޮތުން ކޮށްފައިވާ ލަފާކުރުން ފޭކް އެކައުންޓުތަކުގެ އަސްލު އަދަދާއި ދިމާނުވުން" އެކަށިގެންވާ ކަމުގައެވެ.
"ކޮށްފައިވާ އަންދާޒާއަށްވުރެ އަސްލު ފޭކް އެކައުންޓުތަކުގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެއް. އަބަދުވެސް އަހަރެމެންދަނީ، ފޭކް އެކައުންޓުތައް ދެނެގަތުމުގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން،" ޓުވިޓާރއިން ބުނެފައި ވެއެވެ.
ފޯބްސް މެގަޒިންއިން، މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި އިއުލާން ކޮށްފައިވާ، އެލޮން މަސްކު ދަނީ ޓުވިޓަރގެ އަސްލު ފޭކް އެކައުންޓުގެ އަދަދު އަމިއްލައަށްވެސް ހިސާބު ކުރަމުންނެވެ.