ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހާ މިއަދު އަލުން ހައްޔަރުކޮށްފިއެވެ.
އޭނާ އަލުން ހައްޔަރުކުރުމަށް ފުލުހުން މިއަދު ވަނީ އޭނާގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިން ކަމަށެވެ.
މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި މުޙައްމަދު ބިޝާރު އިސްމާޢީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ