ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުކަމަށް ހދ.ވައިކަރަދޫ، ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މުޙައްމަދު ނިޔާޒާ ވަނީ ޙަވާލުކުރައްވާފައެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު މަތީތަޢުލީމު ހާސިލުކުރެއްވީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.
ޖޭއެސްސީއަށް ނިޔާޒް އައްޔަންކުރެއްވީ، އެ ކޮމިޝަންގައި ހައިކޯޓުގެ ފަރާތުން އައްޔަންކުރައްވާފައި އިންނެވި އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުން މިދިޔަ އޭޕްރީލް މަހުގެ 17ގައި އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. ޖޭއެސްސީގެ މަސައްކަތްތަކުގެތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގަވާއިދުތަކާއި ފަނޑިޔާރުންނާގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި އަދި ކޮމިޝަނުގެ އިދާރީ އެކިއެކި ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި ފާސްކޮށް ހިންގުމަކީވެސް ޖޭއެސްސީގެ ޒިންމާއެކެވެ.