ރާއްޖޭގައި ސިޔާސީ ވާދަވެރިންނަށް ހަމައެކަނި ފެނިވަޑައިގަންނަވާ މަންޒަރަކީ ޖަލު! ކީއްވެ؟

ރާއްޖޭގައި ސިޔާސީ ވާދަވެރިންނަށް ހަމައެކަނި ފެނިވަޑައިގަންނަވާ މަންޒަރަކީ ޖަލު! ކީއްވެ؟

Author
ހުސެއިން
11 މެއި 2022 08:16
0

ދިވެހިރާއްޖެ ދެކެމުން މިދާ ސިޔާސީ ބޮޑު ބަދަލުގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތީ ސިޔާސީ ވެރީންގެ މެދުގައި އޮތް ދެކޮޅުވެރިކަމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބާގައި އޮތް ބަދަލު ހިފުމުގެ ރޫޙެވެ. އަދި އެއް ރައީސަކަށްފަހު އަނެއް ރައީސަކު ޖަލަށް ވަޑައިގަންނަވަން ޖެހޭޖެހުމެވެ. އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފަމުން، ފޮރޮޅެމުން ނިއުޅެމުން މިދާ ސިޔާސީ ހަލަބޮލި ކަމާއި ރޯވެ އަނދަމުންދާ އޭގެ ހަސަދައިގެ އަލިފާނެވެ.

މިގޮތުން ފާއިތުވި ކުރު މާޒީއަށް ނަޒަރެއް ހިންގާލާއިރު، ފެންނާން އޮތް ހަގީގަތަކީ، ރައީސް މައުމޫންގެ ދައުރުގައި، އެމަނިކްފާނުގެ އާރާއި ބާރުގައި، އަދި އެކެއްގެ މުށުތެރޭގައި ވެރިކަމުގެ ހުރިހާ ބާރަކާއި އާރެއް އޮތް ޒަމާނުގައި ޖަލަށް ދާންޖެހުނުހާ ސިޔާސީ މީހުންގެ ނިމުމެއް ނުވާ ދިގު ލިސްޓެވެ. އެހެންނަމަވެސް، ރައީސް މައުމޫނުގެ 30 އަހަރުވީ ދިގު ވެރިކަން އެންމެ ފަހުން ނިމުމަކަށް އައިސް، ދެން ފެނިގެން ދިޔައީ ރައީސް ނަޝީދުގެ "ޑިމޮކްރަޓިކް" ވެރިކަމެވެ.

އެ ވެރިކަމުގެ ދައުރު ދެބައިވިތަނާއި ކަހަލަ ގޮތަކަށް، ކުރީގެ ވެރީންގެ ތަހުގީތައް ނަޝީދުވެސް ފެއްޓެވިއެވެ. ރައީސް މައުމޫން ތަހުގީގަށް ޕޮލިހަށް ހާޒިރު ކުރެއްވިއެވެ. ރައީސް ޔާމިން އާރަށުގައި ބަންދު ކުރެއްވިއެވެ. އަސްކަރިއްޔާއަށް އޯޑަރު ކުރައްވައިގެން ކުރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރެއްވިއެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން، ދެއަހަރާއި ބައިގެ މުއްދަތަކަށްފަހު ރައީސް ނަޝީދުގެ ވެރިކަމަށް ނިމުން އައީއެވެ.

ރާއްޖޭގައި ސިޔާސީ ވެރިންގެ މެދުގައި އޮތީ އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހު

އެއަށްފަހުގަ އައި ރައީސް ވަހީދުގެ ވެރިކަމުގެ ކުރު މުއްދަތަށްފަހު، ދެން ފުރިހަމަ ރިޔާސީ ދައުރެއް ލިބިވަޑައިގެންނެވީ ރައީސް ޔާމީންއަށެވެ. އެމަނިކްފާނުގެ ދައުރުގައި، ބޭބޭފުޅު ރައީސް މައުމޫން ޖަލަށް ލެއްވީއެވެ. އަދި އެނޫނަސް، އިދިކޮޅު ހުރިހާ ސިޔާސީ ވެރީންވެސް ޖަލަށް ލެއްވީއެވެ. މަޖިލިސް މެމްބަރުންވެސް ޖަލަށް ލެއްވީއެވެ. މިހެން ގޮސް މިލިސްޓަށް ނިމުން އައުމެއް ނެތެވެ. ރައީސް ޔާމިންގެ ދައުރުގައި ޖަލުގެ ތަޖުރިބާ ކުރަން ނުޖެހޭ ސިޔާސީ އެކްޓިވިސްޓެއް އޭރު އިދިކޮޅުގައި ނެތޭވެސް ދެންނެވިދާނެއެވެ.

އެއަށްފަހު މިއަދު މިއީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރެވެ. ރައީސް ޔާމީނަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ. ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ. މިސިލްސިލާއަށް ނިމުމެއް ނެތެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިއަދު ހުންނެވީ ރައީސް ޔާމިނެވެ. ހަމަ ކޮންމެ ސިޔާސީ ޖަލްސާއެއްގައި ކަހަލަ ގޮތަކަށް ދައްވަނީ މި ސަރުކާރުގެ، ވެރީންނާއި ހަމައިން ފެށިގެން ގޮސް އަސްކަރިއްޔާގެ ވެރިންނާއި، ފުލުހުންގެ ވެރިންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އަދި އެނޫން އެތައް ބަޔަކުވެސް ދިގު މުއްދަތެއްގައި ޖަލަށް ދާންޖެހޭނެ ވާހަކަ އެވެ.

 

ގިނަ ޖަލްސާތަކުގައި އެންމެ ގިނައިން ދައްކަވާ ވާހަކަ! ސިޔާސީ ވާދަވެރިން ޖަލަށް ދާންޖެހޭ ވާހަކަ!

ރައީސް ޔާމިން އެންމެ ފަހުން ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވާފައިވަނީ، މިހާރު ކުރިޔަށްދާ، ވިލިމާލޭގެ އަންހެނުން ކޮމިޓީގެ ހުސްވެފައިވާ ގޮޑިއަށް ޕީޕީއެމްއިން ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއަށް ތާއީދު ހޯދުމަށް ވިލިމާލޭގައި ބޭއްވުނު އެއްވުމުގައެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމިންވަނީ، މިސަރުކާރުގެ ވެރީންވެސް ޖެހޭނީ ދިގުމުއްދަތަކަށް ޖަލަށް ދާންކަމުގައި ވިދާޅުވެފައެވެ.

މީގެ ތެރޭގައި ވަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، ސީފީ ހަމީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިޝާރާތް ކުރައްވާ، މި ބޭބޭފުޅުންވެސް ޖަލަށް ދާންޖެހޭނޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި ސީޕީ ހަމީދު ގެންދަވަނީ ރައީސް ސާލިހުގެ އާއިރު ގާނޫނީ އަމުރުފުޅުތައް ތަންފީޒު ކުރައްވަމުންނެވެ. އޭގެ ތެރޭގެ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ، އިދިކޮޅު ޕީޕިއެމްއިން މިހާރު ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕޭން ހުއްޓުވުމަށް ރައީސް ސާލިހު ނެރުއްވި ގަރާރެވެ. އަދި ވިދާޅު ވެފައިވަނީ، ސީޕީ ހަމީދު ޖެހޭނީ ދިގު މުއްދަތަކަށް ޖަލުގައި އޮންނަވަން ކަމުގައެވެ.

ތި ސީޕީ ހަމީދުވެސް ޖެހޭނީ ގެއަށް ދާން، ނޫނިއްޔާ ދިގު މުއްދަތުގަ ޖެހޭނީ ޖަލުގަ ހޭދަކުރަން.

ސިޕީ ހަމީދު ޖަލަށް ދާންޖެހޭނޭ ކަމަށް ވިދާޅުވަމުން މި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

ވިލިމާލޭގައި ބޭއްވުނު ކެމްޕޭން އެއްވުމުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ

އަދި މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީގެ އިތުރަށްވެސް އިތުރު އެތައް އެތައްބަޔަކު ޖަލަށް ދާންޖެހޭނޭ ކަމަށް ވިދާޅުވަމުން، ރައީސް ޔާމިން ވިދާޅުވެފައިވަނީ، ސުޕްރިމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް "ތިން ހަތަރު ޖަމްޕު ޖަހާފަ" ވަޑައިގެންނެވީ އަމިއްލަފުޅު އެއްވެސް ގާބިލްކަމެއް ހުރެގެން ނޫން ކަމުގައެވެ. އެމަގާމަކީ، ރައީސް ޔާމިނަށް ހުކުމް ކުރައްވައިގެން ލިބިވަޑައިގެންނެވި މަގާމެއްކަމަށް އަލީ ރަޝީދު ގަބޫލު ކުރައްވަން ޖެހޭނޭކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަލީ ރަޝީދުވެސް ގަބޫލުކުރަން ވާނެ، މިކަން އޮތީ މިހެންކަން. އެހެންވީމަ އަޅުގަޑު ޝުޖާ ކައިރީ މިބުނަނީ، ޖަލުތައް ބޮޑު ކުރަން ޖެހެއޭ އެބަ. ޖަލުތައް ބޮޑު ކުރަންޖެހޭ ސަބަބު މިއީ. އެއީ ދިވެހިރާއްޖެ އެބަޖެހޭ މިހުރިހާ ކަމަކުން ސާފުތާހިރުކޮށް، ތޯހިރު ކޮށްލަން އެބަޖެހޭ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝިދުވެސް ޖަލަށް ދާންޖެހޭނޭކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެއާއެކު، މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ، އެމަނިކްފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން ޖަލަށް ލެއްވީ އެމަނިކްފާނު ނޫންކަމަށާއި، އެކަން އެގޮތަށް ކުރެއްވީ އޭރުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ކަމަށެވެ. އަދި އެކޮމިޓީގައި ތިއްބަވަނީ ސިފައިންނާއި ފުލުހުންގެ ވެރިންގެ އިތުރުން، ކެބިނެޓް ވަޒީރުން ކަމުގައިވެސް ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

 

ލީޑަރުންގެ ވިސްނުން ފުޅުގައި ޖަލު ނޫން ހައްލެއް ނެތް، ސިލްސިލާއަށް ނިމުމެއް ނެތް!

ރާއްޖެ ފަދަ، ޑިމޮކްރަސީއަށް ފައްކާނުވާ، އަދި ވަކީން ޚާއްސަކޮށް މިހުންގެ ތަވަސްކަމާއި ކެރިފޯރުންތެރިކަން ކުޑަ ގައުމުތަކުގައި، ގިނަ ބަޔަކު އެބައެއްގެ ދިރިއުޅުމާއި އަދި އެނޫން ކަންކަންވެސް ބަރޯސާ ކުރަމުންދަނީ ސިޔާސީ ވެރީންނަށެވެ. ސިޔާސީ ވެރީން ދައްކަވާ ވާހަކަތަކަށް އަތް ޖަހާ، ސިޔާސީ ވެރީންގެ މަދަދާއި އެހީތެރިކަން ހޯދުނު ގޮތަކަށް ހޯދައިންގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ ވެރީން ދައްކަވާ ހަމަ ކޮންމެ ވާހަކައަކަށްވެސް އަތް ޖެހުން މިފަދަ ގިނަ ގައުމުތަކުގައި ސަގާފަތަކަށްވެ، މުޅި މުޖުތަމައަށް އެނޫން މަގެއް ގިނަފަހަރަށް ފެންނާކަށް ނޯވެއެވެ.

އަދި އޭގެ ނަތީޖާއަކީ، ސިޔާސީ ވެރީން އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުމަށް ދައްކަވާ ވާހަކަ ތަކަށް ރައްޔިތުންގެ ތާއީދުލިބި، ސިޔާސީ ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހު އެއްވެރިކަމަށް ފަހު އަނެއް ވެރިކަމަކަށް ނަކަލުވެ، އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުމަކީ ދިވެހިރާއްޖޭގެ ނިމުމެއް ނެތް ސަގާފަތަކަށް ވެގެން ދިއުމެވެ.

ރައީސް ޔާމިންގެ ދައުރުގައި އެމަނިކްފާނު ވަނީ މައުމޫން ޖަލަށް ލައްވާފަ, ފަހުން ރައީސް ޔާމިނަށްވެސް ވަނީ ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފަ

އެހެންނަމަވެސް، އެއްބަޔަލު އަނެއް ބަޔަކު ޖަލަށް ލާނޭ ވާހަކަ ދައްކަވާ، އެވާހަކައެއް ދެއްވެމުން ތިމާމެންގެ ހިތައް އެއްމެ ބޮޑު ތަސައްލީއެއް ލިބިގެންދާ ވާހަކައަކީ ޖަލުގެ ވާހަކަ ކަމުގައި ވެގެން ދާނަމަ، ކޮށްލަން އެންމެ އައުލާކަން ބޮޑު ސުވާލަކީ، މުޅި ގައުމުގައި ޖަލަށް ދާން ނުޖެމޭ މީހަކު އެބަހުރިތޯއެވެ. ސިޔާސީ މީހުންގެ ވާހަކައާއި މޭރުމުން ވިސްނައިފި ނަމަ، މިނޫންތަނެއް ގައުމުން ފެންނާން އެބައިތްތޯއެވެ. ރައީސް ނާސިރުގެ ދައުރުން ފެށިގެން ހިނގާފައިވާ ކަންކަމާއި، ދެކޮޅުވެރިކަމަށް ރަގަޅަށް ނަޒަރެއް ހިންގާ ބަލާލައިިފި ނަމަ، ފެންނާން ތިބީ މުޅިންވެސް ޖަލަށް ދާންޖެހިފައި ތިހިބާ މީހުންނެވެ. ހަގީގަތަކީ މިއީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.