އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި މިރޭ ފުރަތަމަ ފުރުސަތު ލިބުނީ ނިއުކާސަލް އަށެވެ. އެ ޓީމުގެ ސެއިންޓް-ކްސިމައިން ނެގި ހުރަހަކުން ކްރިސް ވުޑް ބޮލުން ޖެހި ބޯޅަ އަމާޒުވީ ސިޓީގެ ކީޕަރު އެޑަސަން އަތަށެވެ. ސިޓީން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި ރަހީމް ސްޓާލިން ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ލީޑުފުޅާކުރީ އައިމެރިކް ލަޕޯޓް ޖެހި ގޯލުންނެވެ. މިއީ މެޗުގެ 38 ވަނަ މިނިޓްގައި ސިޓީގެ އިލްކާއި ގުންޑޮގާން ވޮލީއަކުން ޖެހި ބޯޅަ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ އަތުގައި ޖެހިފައި ނުކުތްވަގުތު ލަޕޯޓް ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގައި ސިޓީން އިތުރު ތިން ގޯލު ޖެހިއިރު، އެ ޓީމުގެ ތިން ވަނަ ގޯލަކީ މެޗުގެ 61 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ނެގި ކޯނަރަކުން ރޮޑްރީ ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން ނިއުކާސަލްގެ ކަލުމް ވިލްސަން ހުސްކޮށް އަރައި، ޖެހި ބޯޅަ ސިޓީ ކީޕަރު އެޑަސަން ހުއްޓުވިއެވެ. ސިޓީން ފަހު ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ތިން މިނިޓް ތެރޭގަ އެވެ. އެ ގޮތުން އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ފިލް ފޯޑެން ސިޓީގެ ހަތަރު ވަނަ ގޯލު ޖެހިއިރު، ފަސް ވަނަ ގޯލު ޖެހީ ޖެކް ގްރީލިޝް ދިން ބޯޅައަކުން ސްޓާލިންނެވެ.
މިއީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން ސިޓީ ފަސް ގޯލު ނޫނީ އެ އަށް ވުރެ އިތުރަށް ގޯލު ޖަހައިގެން މޮޅުވި 30 ވަނަ މެޗެވެ. ދެ ވަނައިގައި އޮތީ 14 މެޗުން މޮޅުވި ލިވަޕޫލް އެވެ.
މިހާރު ކޮންމެ ޓީމަކަށް ބާކީ ތިން މެޗް އޮތް އިރު ސިޓީއަށް ފުރުސަތު ބޮޑު ނަމަވެސް ކޮންމެ ކޮޅަކަށްވެސް ނަތީޖާ އެނބުރިގެން ހިނގައިދާނެކަމަށް ގިނަ މީހުން ގަބޫލް ކުރެއެވެ. މިމެޗުން ބަލިވިވުމުން ނިއުކާސްލް އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.