އިތުރު ވަގުތުގެ ފަހު މިނިޓްގައި ޖޯޑީ އަލްބާ ޖެހި ހިތްގައިމު ގޯލުން 2-1 އިން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ އިން މި ފަހަރުގެ ސްޕެނިޝް ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފިއެވެ.
މި މޮޅާއެކު ސްޕެނިޝް ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދާ، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ބާސެލޯނާއިން ވަނީ ކަށަވަރުކޮށްފައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ވާދަކުރާއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ ވަނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅެފައެވެ.
ރޭ ކުޅުނު މެޗުގައި ބާސާއިން ލީޑު ނެގީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންސޫ ފަޓީއެވެ.
އެކަމަކު އޭގެ ތިން މިނެޓު ފަހުން ބެޓިސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން ބާސެލޯނާއަށް ކުޅުނު މާކް ބާޓްރާއެވެ. ނަމަވެސް އިތުރު ވަގުތުގެ ފަހު މިނެޓުގައި ޑެނީ އަލްވޭސް ނެގި ހުރަހަކުން އަލްބާ ވަނީ ލަނޑެއް ޖަހައި، މި މެޗުން ބާސެލޯނާ މޮޅުކޮށްދީފައެވެ. އަލްބާ ވޮލީ އަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މި ލަނޑަށް ފަހު ބާސެލޯނާ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
މި މޮޅާއެކު ބާސެލޯނާއިން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފައިވަނީ ލީގުގައި ބާކީ ތިން މެޗު އޮއްވައެވެ. އެގޮތުން ބާސެލޯނާ ދެވަނައިގައި އޮތީ ކުޅުނު 35 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 34 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން ލިބިފައވަނީ 61 ޕޮއިންޓެވެ.