ޔޫވީކޮޅަށް 7 ގޯލުޖަހައި، މާޒިޔާ އެއްވަނައަށް

ޔޫވީކޮޅަށް 7 ގޯލުޖަހައި، މާޒިޔާ އެއްވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފަސޭހަކަމާއެކު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސްް އެންޑް ރެކްރިއޭޝަން އަލުން ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޔޫވީ ޑިފެންޑަރު މުޙައްމަދު ޒައިން ސުޖާއު ހެދި ގޯހެއްގެ ފައިދާ ނަގައި، ހަމްޒާ މުޙައްމަދު (ހަމްޕު) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

އަދި އޭގެ ދެ މިނެޓު ފަހުން ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން އިބްރާހިމް އައިސަމް ވަނީ ލަނޑެއް ޖަހައި، މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުންވެސް މާޒިޔާއިން ގިނަ ފުރުސަތުަތެއް ތަނަވަސްކުރިއިރު، މެޗުގެ 23 ވަނަ މިނެޓުގައި ޔޫވީގެ ގޯލްކީޕަރު އަޙްމަދު އަނަފް ޒަރިޔަންދު ހެދި ގޯހެއްގެ ފައިދާ ނަގައި، ކޯނޭ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ހަމްޕު ނެގި ހުރަހަކުން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދާދެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ތިންވަނަ މިނެޓުގައި މާޒިޔާއިން ވަނީ ފަސްވަނަ ލަނޑެއް ޖަހާފައެވެ. ދާދު އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒެވެ.

މި މެޗުގައި ޔޫވީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި އަޙްމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސްއެވެ.

އެކަމަކު އޭގެ ތިން މިނެޓު ފަހުން ކޯނަރަކުން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވަނީ މާޒިޔާގެ ހަވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާގެ ހަތްވަނަ ލަނޑު ޖަހައި، ކޯނޭ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ އޭރިއާ ރޮނގުމަތިން މާޒިޔާގެ ހަމްޕުއަށް ޔޫވީގެ ޒައިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު މާޒިޔާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ލީގުގެ ދެވަނަ ބުރުގައި ފުރަތަމަ ފަހަރަށް ބަލިވި ޔޫވީ އޮތީ 11 މެޗުން 14 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *