މާލެ ސިޓީ ކައުންސިލް ވިލިމާލެ ދާއިރާގެ ޕީޕީއެމް ކައުންސިލަރު ނަހުލާ އަލީގެ ސުލޫކީ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބަލަން ފެށުމާއިއެކު ޕީޕީއެމްއާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުގައި ހަގީގަތާއި ޚިލާފް ވާހަކަ ދައްކަމުންދާތީ އެވާހަކަތައް ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ މިޕާޓީގެ މެންބަރު ނަޙުލާ ޢަލީ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި ޕީޕީއެމްއާއި، އެޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ޢާންމު މެންބަރުން ގާތުގައާއި، ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ލީޑަރޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.
މީގެ އިތުރުންވެސް، ޕީޕީއެމްގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި މިކަންކަން ކުރުމުގައި ނަޙުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕީޕީއެމްއިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް މިކަމުގައި ހިމެނޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ނަހުލާ ޢަލީގެ އިތުރުން އޭނާގެ މަންމަ އާމިނަތު ލީލާގެ ވެސް ސުލޫކީ މައްސަލައެއް ބަލަމުން ދާކަމަށް ވަނީ ބުނެފައެވެ. ނަޙުލާ ޢަލީ އަދި އާމިނަތު ލީލާ އާއި ގުޅިގެން ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ މައްސަލަ ކުރިއަށް ގެންދިއުމުގައި އެދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ