މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އިންޓަޕޯލްގެ ޑޭޓާތަކަށް އެކްސެސް ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ސީޕީ ޙަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ތެކްނޮލޮޖީ ތަޢާރަފްކުރަމުން އަންނަކަމަށާއި، އެމުއައްސަސާއަށް ގިނަ ބަދަލުތަކެއްވެސް ގެންނަމުންދާކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާގައި އިންޓަރޕޯލްއަށް އެކްސެސް ވާން މިހާރު ހުންނަނީ ކުޑަ އޮފީހެއްކަމަށާއި، އެއޮފީހުގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ 85 ފުލުހުންގެ މަރުކަޒަށްވެސް އިންޓަޕޯލްއަށް އެކްސެސްވެވޭނެ ފުރުޞަތު އަންނަ އަހަރު ދެއްވާނެކަމަށެވެ. މިކަމުގެ ސަބަބުން ޚާއްޞަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށްވެސް އިތުރަށް ފަސޭހަވެ ކުރިއެރުންތަކެއް އަންނާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އެއީ ކުޑަކުދިންނާބެހޭ ފަރާތްތަކުންވެސް، ޓެރަރިސްޓުންކަމަށްވިޔަސް، އޯގަނައިޒްޑް ކުރައިމްތައްވިޔަސް މިހުރިހާ ފަރާތްތަކަށް މަޢުލޫމާތު އަތޮޅުތަކުގެ ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުންނަށްވެސް ބަލައިލެވޭނެ
-ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
އިންޓަޕޯލްގެ ދައުރަކީ، ބޯޑާ ހުރަސްކޮށް ހިންގާ ކުށްތައް ހައްލުކުރުމުގައި އެކި ގައުމުތަކުގެ ފުލުހުންނަށް އެހީތެރިވުމެވެ. އަދި ކޮންމެ މެންބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރީ (އެންސީބީ) ގެ ނަމުގައި އިންޓަޕޯލްގެ އޮފީހެއް ހުންނަ އިރު، މި އޮފީހުގެ ބޭނުނަކީ އެއް މެންބަރު ގައުމާއި އަނެއް މެންބަރު ގައުމުގެ ފުލުހުން ގުޅުވައިދިނުމެވެ.
މީގެ އިތުރުން އިންޓަޕޯލުން ކުރާ މަސައްކަތުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލައިގެންދާ މީހުން މީހުން ހޯދުމުގައި އެހީތެރިވުން ހިމެނެއެވެ. އަދި މިއީ އިންޓަޕޯލުން ކުރާ މައިގަނޑު ތިން މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ. މި މަސައްކަތް ކުރަނީ މެންބަރު ގައުމުތަކުގެ އެންސީބީއާއި ގުޅިގެނެ އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. އަދި މިއާއެކު، އިންޓަޕޯލަކީ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމުން، މެންބަރު ގައުމުގެ ފުލުހުން މަސައްކަތް ކުރުމުގައި އެހެން މެންބަރު ގައުމުތަކުގެ ފުލުހުންނާއެކު ޑައިރެކްޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އަދި މި މަސައްކަތުގައި ސިޔާސީ ގޮތުން ގުޅުން ގާއިމްކޮށްފައި ނުވާ ގައުމެއް ނަމަވެސް އެގައުމެއްގެ ފުލުހުންގެ އެހީތެރިކަން މައްސަލަތަކުގައި ހޯދެއެވެ.
ކޮމެންޓު ފޮނުވާ