ސައީދު ހޯދުމުގެ މަސައްކަތް: ގެއްލުނު ސަރަހައްދުން ޑައިވް ބެލްޓެއް ފެނިއްޖެ

ސައީދު ހޯދުމުގެ މަސައްކަތް: ގެއްލުނު ސަރަހައްދުން ޑައިވް ބެލްޓެއް ފެނިއްޖެ

ފުވައްމުލަކު ނެރާދިމާއިން ބޭރަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު ގެއްލުނު ސަރަހައްދުން ޑައިވް ބެލްޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފިއެވެ.

ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާއިރު، މިއަދުވެސް ވަނީ ބޮޑު ސަރަހައްދެއް ޑައިވް ކޮށްގެންވެސް ބަލާފައެވެ. އެމްއެންޑިއެފުން ބުނީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކޯސްޓްގާޑުގެ ޑައިވަރުން 4 ޑައިވް ވަނީ ނިންމާފައިކަމަށެވެ. އަދި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަޙައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ވަނީ ފެނިފައިކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފައިވަނީ މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިއްޔެގެ ޑައިވްގައި 59 މީޓަރު އަޑިން މުޙައްމަދު ސަޢީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ވަނީ ފެނިފައެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވެއެވެ.

ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ 2022 މެއި 2 ވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ 2022 މެއި 2 ވަނަ ދުވަހު 15:36 ހާއިރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *