ޑިއާޒްގެ މޮޅުކުޅުމާއިއެކު ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

ޑިއާޒްގެ މޮޅުކުޅުމާއިއެކު ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

Author
މުޙައްމަދު ޝަޒައިމް
04 މެއި 2022 11:45
0

ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ތަފާތު މޮޅު ކުޅުމާއިއެކު ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި ދެ ވަނަ ހާފުގައި ފަހަތުން އަރައި 3-2 އިން މޮޅުވެ، ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ލެގްގައި ވިޔަރެއާލް އާއި ލިވަޕޫލް އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 2-0 ންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލްއިން ދެ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ލަނޑުތައް ޖެހީ ބައުލޭ ޑިއާ އަދި ފްރެންސިސް ކޯކުލިންއެވެ.

ފުރަތަމަ ހާފް ނިމިފައިވަނީ ވިޔަރެއާލްގެ މޮޅު ކުޅުމާއެކު ލިވަޕޫލްގެ މައްޗަށް 0-2 ގެ ނަތީޖާއިން އެޓީމު ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން ވަނީ އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސް، ވަރަށް ބޮޑަށް ކުރިޔަށް ޖެހި އެޓޭކްތައް ކުރަން މަސައްކަތް ކޮށްފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.

ލިވަޕޫލް ކޮޅަށް ނަތީޖާ އަނބުރާލުމުގައި ރޭ އެންމެ އިސް ދައުރެއް އަދާކުރި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް ކުޅެން އެރީ ދެ ވަނަ ހާފު ފެށިއިރު، ބަދަލެއްގެ ގޮތުގައެވެ. ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 62 ވަނަ މިނިޓްގައި ފަބީނިއޯއެވެ. މެޗުގެ 67 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލަށް އެއްވަރުކޮށްދިނީ ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ.

ފުލުފުލުގައި އެޓޭކްތައް ކުރަމުންދިޔަ ލިވަޕޫލުން ނަތީޖާ އަނބުރާލި ގޯލު ޖެހީ 74 ވަަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. މާނޭ މި ގޯލު ޖެހީ ވިޔަރެއާލް ކީޕަރު ރޫލީ އާއި ޑިފެންޑަރު ހުއާން ފޮއިތު ނައްޓާފައި ގޮހެވެ. އިތުރު ގޯލެއް ޖަހަން ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ބޯޅަ ކީޕަރު ރޫލީ މަތަކުރިއިރު، ސަލާހު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ވިޔަރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 85 ވަނަ މިނިޓްގައި ކަޕޫއެ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ލިވަޕޫލް ވަނީ މީގެ ކުރިން ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެޓީމު ވަނީ ތިން ޔޫރޮޕާ ލީގު، ހަތަރު ޔުއެފާ ސުޕަކަޕް އަދި އެއް ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ. ފައިނަލުގައި ލިވަޕޫލް ނިކުންނާނީ މިރޭ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.