ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެވުނުއިރު ރާއްޖޭގެ އެއްވެސް ރަށަކން އެމްޑީޕީ އަދި އެމްޑީޕީން މެންބަރެއްގެ ކިބައިންވެސް ސަރުކާރާ ދުރަށްދާން ބޭނުންވާތަން ނުފެންނަކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ރޭ ރ.ދުވާފަރުގައި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް ދަތުރު ކުރެވުނު އިރު އެއްވެސް ރަށަކުން ސަރުކާރާ ފެޔަށް ދާން ބޭނުން ވާ ތަނެއް ނުފެންނަކަމަށެވެ. މިއަދު ރައްޔިތުން ބޭނުންވަނީ ސަރުކާރާއި ޕާރޓީ އާއި ގުޅިގެން މަސައްކަތް ކުރަންކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އުއްމީދުތަކުގައި އިތުރަށް ކުލަޖައްސައި އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށް ޕާޓީގެ ފަރާތުން އެހީތެރިކަން ރައްޔިތުން ބޭނުންވަނީ.
– ފައްޔާޒް އިސްމާޢީލް
ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް އަޅުގަނޑުމެންނަށް ދަތުރު ކުރެވުނު އިރު އެއްވެސް ރަށަކުން ނުފެނޭ ސަރުކާރާ ފެޔަށް ދާން ބޭނުން ވާ ތަނެއް، މިއަދު ރައްޔިތުން ބޭނުންވަނީ ސަރުކާރާއި ޕާރޓީ އާއި ގުޅިގެން މަސައްކަތް ކުރަން- @faya_i #MDPhingaalan pic.twitter.com/q2fm9dkBga
— ???????????????????????? ???????????? ???????????? ???????????????????????????????????????????? (@Faya4CP) May 3, 2022
ފައްޔާޒާއި ވާދަކުރާ އިންތިގެ ކެމްޕެއިން ޓީމުން ބުނަމުންދަނީ ރައްޔިތުން ސަރުކާރާމެދު ހިތްހަމަ ނުޖެހޭކަމަށެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ 2023ގެ އިންތިޚާބު އެމްޑީޕީއަށް ގެއްލެމުންދާތަން ފެންނަމުންދާކަމަށް ވިދާޅުވެފައެވެ. އެއީ މިސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭތީކަމަށްވެސް ނަޝީދު ތުހުމަތުކުރައްވާފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.
ނަމަވެސް ފައްޔާޟުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިޚާބަކަށް ވުމުންނެވެ.