މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން ނުހުއްޓުވައި ރޭވިފައި އޮތް ގޮތަށް ކުރިއަށްދިޔަ ނަމަ، އެތައް ކާނެއްގެ މަތި ބަދަލުކުރެވި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރެވުނީސް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަތިގަނޑު ހަލާކުވެފައިވާ ކާނެއްގެ ތެރެއަށް މީހެއްގެ ފައި ގަނބަައިގަނެ ކަށިމަތި ޒަޚަމްވުމާ ގުޅިގެން އެމީހާ ކަންބޮޑުވުން ފާޅުކޮށް ކުރި ޓުވީޓަކަށް ދެއްވި ޖަވާބުގައެވެ.
މިދިމާވި ހާދިސާއާމެދު ހިތާމަ ފާޅުކުރައްވައި މޭޔަރު ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތިގަނޑު ނެތުމާއި މަތިގަނޑު ހަލާކުވެފައިވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. މި މައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ބަޖެޓުގެ ދަތިކަމާހެދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Yes when we don't get the road project going ahead due to the govt putting it on hold for 5 months we will talk about it. Had it been allowed to go ahead a lot of these kaanu mathi would have been replaced.
— Dr Mohamed Muizzu (@MMuizzu) May 2, 2022
ސިޓީ ކައުންސިލުން ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ ކަންކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ، އެވާހަކަ ތަކުރާރުކޮށް މޭޔަރު ދައްކަވައެވެ. އެހެންކަމުން އެކަމާ ގުޅުވައި މީހަކު ކޮށްފައިވާ އިތުރު ކޮމެންޓަކަށް ދެއްވި ޖަވާބުގައި މޭޔަރު ވިދާޅުވެފައިވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ސިޓީ ކައުންސިލުން ފެށި މަސައްކަތުގެ ބަޖެޓު ހިފަހައްޓައި އެ ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ފަސްމަސް ދުވަސް ފާއިތުވެފައިވާ ކަމަށާއި އެގޮތަށް ކަންކަން ހުއްޓުވުމުން އެވާހަކަ ދައްކަވާނެ ކަމަށެވެ. މަގުހެދުމުގެ މަޝްރޫޢު ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދިން ނަމަ، މާލޭގެ މަގުތަކުގެ އެތައް ކާނެއްގެ މަތި ބަދަލުކުރެވުނީސްކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
Yes when we don't get the road project going ahead due to the govt putting it on hold for 5 months we will talk about it. Had it been allowed to go ahead a lot of these kaanu mathi would have been replaced.
— Dr Mohamed Muizzu (@MMuizzu) May 2, 2022
މާލޭގެ މަގުތައް ހެދުމަށް ކުރީ ކައުންސިލުން ފަށާފައި އޮތް މަސައްކަތުގެ ޕްލޭނަށް ބަދަލުތަކެއް ގެނެސް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށީ ވަރަށް އުންމީދާ އެކުގައެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ ދަށުން އެންމެ މަގެއް ހެދުނުތާ، ޕްރޮޖެކްޓުގެ ބަޖެޓު ހިފަހައްޓައި އެކަން ވަނީ ހުއްޓުވާފައެވެ. މީގެ ކުރިން މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ މަގުހެދުން ހުއްޓުވައިގެން އުޅޭ ސަބަބެއް ސަރުކާރުން ރައްޔިތުންނަށް ކިޔައިދިނުމަށް ގޮވާލައްވާފައެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު ހިންގާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މާލެ ސިޓީ ކައުންސިލުގެ ކުރީ ދައުރުގައި ފެށުނު މި ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނެސް މިހާރު ހިނގަމުންދާ ހަތަރުވަނަ ދައުރުގެ ކައުންސިލުން އާރްޑީސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ގޯޅިތައް ހިމެނޭގޮތުން ޖުމުލަ 105 މަގެއް ހެދުމަށް ވަނީ ނިންމާފައެވެ. މަގުތައް ހެދުމަށް ޙަވާލުކޮށްފައިވަނީ 700 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެއަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ސަރުކާރުން މި މަޝްރޫޢުގެ ބަޖެޓު ހިފަހައްޓާފައި ވުމުން މި މުއްދަތުގެ ތެރޭ މަގުތައް ނިންމުމަށް ވަނީ ހުރަސްއެޅިފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.