މަސްވެރިންނަށް ހަމައަގެއް ހޯދައިނުދެވުނު، ކޯލިޝަން ސަރުކާރަކީ ވިލާ ޝިޕިންގެ ޑެސްކެއް: ބޮންޑޭ

މަސްވެރިންނަށް ހަމައަގެއް ހޯދައިނުދެވުނު، ކޯލިޝަން ސަރުކާރަކީ ވިލާ ޝިޕިންގެ ޑެސްކެއް: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
02 މެއި 2022 06:33
0

މިސަރުކާރުން މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން ވެފައިވާ ވައުދާއި އެއްގޮތަށް އެކަން ނުކުރެވުނު ކަމަށާއި، މިހާރު އޮތް ކޯލިޝަން ސަރުކަރަކީ ވިލާ ޝިޕިންގެ ޑެސްކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑޭ ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިހާރުވެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުވަދު އަތޮޅުގެ ރަށެއްގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް ވިދާޅުވެ 2018 ވަނަ އަހަރު ދެއްކެވި ވާހަތަކެއް ހިއްސާ ކުރަމުންނެވެ.

ބޮންޑޭ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގުދޭނެކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގަތް ނަމަވެސް އެކަން ނުކޮށް ދެވުނުކަމަށެވެ. 35 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ހަދައިދޭނެކަމަށް ވިދާޅުވެ ވައުދުވީނަމަވެސް އެކަން ނުވިކަމަށާއި، އެކަން ކުރާނީ ރައީސް ނަޝީދުކަމަށެވެ. އަދި މިހާރު އެއްވެސް ވައުދެއް ނުފުއްދޭ އެންމެ ބޮޑު ސަބަބަކީ މިސަރުކާރު ކޯލިޝަނަކީ ވިލާ ޝިޕިންގެ ޑެސްކަކަށް ވުމުންކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އަންނި ވެރިކަމުގައި މަސްކިރި އަގުގައި 35ރ އަށް މަސްކިލޯ ކިރާނެކަމަށް ހަމައަގު ދޭނެ ކަމަށް ބުނެ ވައުދުވި ނަމަވެސް އެކަމެއް ނުކުރެވުނު. މަސްވެރިންނަށް ހަމަ އަގު އަދިވެސް ދެވޭނީ އަންނިއަށް. ކޯލިޝަން ސަރުކާރަކީ ވިލާ ފިޝިންގެ ޑެސްކެއް!

– ބޮންޑޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް މަސްވެރިންނަށް މިސަރުކާރުންވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ. މިހާރުވެސް މަސްވެރިން ރަނގަޅަށް މަސްބާނާ ކަމުގައިވާނަމަ މަސް ކިރޭނެ ގޮތެއް ނެތި އަދި ލިމިޓްކޮށްގެން މަސް ކުރަން މަސްވެރިން ރެއާއި ދުވާލު ހޭލާ ތިބެންޖެހެއެވެ. އަދި ގިނަ ފަހަރަށް ކިލޯއެއް 18 ރުފިޔާ 15 ރުފިޔާއަށްވެސް ކިރާލަންޖެހޭ ކަމީ މަސްވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިންވަނި މިސަރުކާރުން މަސްވެރިންނަށް އޮޅުވާލައި ދޮގު ހަދާފައިވާކަމަށް ބުނެފައެވެ. މަސްވެރިންނަކީ ކޮންމެ ރިޔާސީ އިންތިޚާބަކަށް ފެންނަ ބަޔަކަށް އެކަނި ދެން ނުހެދޭނެކަމަށް މަސްވެރިންވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.