ޖަރުމަނު ލީގުގައި، ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަަނަ ފަހަރަށް ހޯދި ބަޔާން މިއުނިކު ބަލިވެއްޖެއެވެ.
ބަޔާން ބަލިވީ ރަށުން ބޭރުގައި މެއިންޒްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ. މެއިންޒް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ 18 ވަނަ މިނެޓުގައި އެޓީމުންނެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ މެއިންޒްއިންނެވެ.
އެގޮތުން 27 ވަނަ މިނެޓުގައި މެއިންޒް އިން ލީޑު ފުޅާކޮށްފައިވާއިރު، 33 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ރޮބަޓް ލެވަންޑޯސްކީގެ ލަނޑުން ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ މެއިންޒްއިން ލީޑު އިތުރަށް ފުޅާކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑުގެ އިތުރުންވެސް މެއިންޒްއަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މުޅި މެޗުގައި ބަޔާންއަށް އޮން ޓާގެޓަށް ހެދިފައިވަނީ އެޓީމުން ޖެހި ލަނޑު އެކަނިއެވެ. ނަމަވެސް މެއިންޒްއިން ވަނީ ހަތް ޝޮޓް އޮން ޓާގެޓަށް ހެދުމުގެ އިތުރުން 11 ޝޮޓް އޮފް ޓާގެޓަށް ހަދާފައެވެ.
މި ނަތީޖާތަކަށް ފަހު ބަޔާން އެއް ވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓާ އެކުއެވެ. މެޗުން މޮޅުވި މެއިންޒް އޮތީ ކުޅުނު 32 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 9 ވަނައިގައެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފައެވެ.