ކަނޑު ކުކުޅަކީ ހާއްސަ ދުވަސް ދުވަހު ދިވެހިން ތައްޔާރު ކުރަމުން އަންނަ، ކަނޑުމަހުން ހަދާފައި ހުންނަ ރިހައެކެވެ. މިއީ ބަތާއެކުގައި ޢީދު ދުވަހުގެ މެންދުރަށް ގިނަ ބަޔަކު އަދިވެސް ތައްޔާރު ކުރާ ވަރަށް މީރު ރިހައެކެވެ.
ފަނޑުވުމެއް ނެތް ކަނޑުކުކުޅަކީ އޭގެ ރަހަ އާއި އޭގެ މީރު ކަމުގެ ޖާދޫގައި އެތައް ބައެއް ޖެހިފައިވާ، ބަތާ އެކުގައި އަދި ރޮށްޓާއި އެކުގައިވެސް ކެއުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދޭނެއެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:
- 1 ގަނޑު ރޯ ކަނޑު މަސް
- 3 މޭޒުމަތީސަމުސާ ދިވެހި ހަވާދު
- 5 ހިކަނދި ފަތް
- 4 އިންޗި ހުންނަވަރުގެ ރާނބާފަތް ކޮޅެއް
- 3 އިންޗީގެ ފޮނިތޮށި ކޮޅެއް
- 4 ކާފޫރު ތޮޅި
- 3 ކަރަންފޫ
- 2 ފިޔާ ބޮޑު (ދިގުކޮށް ކޮށާފައި)
- 4 ލޮނުމެދު (ދިގުކޮށް ކޮށާފައި)
- 1/2 ސައިސަމުސާ ރީނދޫ
- 1/2 ސައިސަމުސާ އަސޭމިރުސް ޕައުޑަރު
- 1/2 ސައިސަމުސާ ދިރި ޕައުޑަރު
- 1 ގިޔެޔޮ މިރުސް (ކުޑަ)
- 2 އިންޗި އިނގުރު (ޗޮޕް ކޮށްފައި)
- 2 ޖޯޑު ކާށި ކިރު
- 3 މޭޒުމަތީސަމުސާ ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މަސްގަނޑުގެ ދިގުމިނަށް މަސްގަނޑުން ތުނިކޮށް ފޮތިނަގާނީއެވެ. އެއަށް ފަހު މަސްކޮޅު ދޮވެލުމަށްފަހު ދިވެހި ހަވާދުކޮޅު މިކްސަރުން ވަރަށް ރަނގަޅަށް މުގުރާލާށެވެ. ދިވެހި ހަވާދަކީ މިހާރު އާންމުކޮށް ހުރިހާ ފިހާރައަކުންވެސް ގަންނަށް ލިބޭ އެއްޗެކެވެ.
އެއަށްފަހު ހަވާދުކޮޅަށް ކޮށާފައި ހުރި ފިޔާއިން ކުޑަ ފިޔާ، ލޮނުމެދު އަދި ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު މަސްކޮޅުގެ މަތީ ދިގަށް ހަވާދުކޮޅު އުނގުޅާލުމަށްފަހު އޮޅާލާށެވެ. ރޮދި ނުވަތަ ޓޫތުޕިކެއް ނޭނުން ކޮށްގެން ނުނެއްޓޭނެ ހެން ހައަޔަރު ކޮށްލާށެވެ. ކުރިން ބޭނުން ކުރަނީ ފަން ނުވަތަ ބައެއް ރަށްރަށުގައި، ހަނި ދިގުކޮށް ނަގާފައިހުންނަ ރާނބާފަތުގެ ކައިރިފަށެވެ. ފަން ލިބޭނަމަ ފަން ބޭނުންކުރާށެވެ.
ހުރިހާ މަސްކޮޅެއް މިގޮތަށް ރިޕީޓް ކުރުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެެވެ. އެއަށް ފަހު ހަވާދު ހެދި މިކްސަރުގެ ތެރެއަށް، ރިދޫ، އަސޭމިރުސް އަދި ދިރި ޕައުޑަރު އަޅައި ބައިޖޯޑު ފެނާއެކު މިކްސް ކޮށްލާށެވެ.
ރިހަކެއްކުމަށް އުނދުން އުދާށެވެ. އެއަށްފަހު ތެޔޮފޮދު އަޅާލާށެވެ. ތެޔޮ ފޮދު ހޫނުވުމުން ފިޔާ އަދި އިނގުރާއި ލޮނުމެދުކޮޅު އަޅައި ރަތް ކޮށްލާށެވެ. އެއަށް ފަހު ހިކަނދި ފަތާއި ރާނބާ ފަތް ކޮޅު އަޅައި އެއްކޮށްލާށެވެ. ދެން ކަރަންފޫ، ފޮނިތޮށި އަދި ކާޕޫރު ތޮޅިކޮޅު އަޅައިގެން ހުރިހާ އެއްޗަކުން ރަހަ ނުކުންނަށްދެން ކައްކާލާށެވެ.
ދެން އެއަށް ފަހު ގިތެޔޮ މިރުސްކޮޅު ލުމަށްފަހު މިކްސް ކުރި ރީދޫ، އަސޭމިރުސް އަދި ދިރިކޮޅު އަޅާލާށެވެ. ކެކެން ފެށުމުން މަސްކޮޅު އަޅައި އެފެނުގައި ރޯ ފިލުވާލާށެވެ. މަސްކޮޅު ރޯފިލުމުން ކިރުފޮދު އަޅައިގެން މަޑުމަޑުން ކައްކާލާށެވެ. އެއަށް ފަހު ލޮނުހެޔޮވަރުކޮށް އުނދުން މަތިން ބާލާށެވެ.
ކޮމެންޓު ފޮނުވާ