ސްޕެނިޝް ލަލީގާގައި 0-4 ގެ ނަތީޖާއަކުން އެސްޕަނިޔޯލް ބަލިކޮށް، ރެއާލް މެޑްރިޑުން 35 ވަނަ ލީގު ތަށި ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މާސެލޯ ދިން ބޯޅައަކުން ރޮޑްރީގޯ ޖެހި ގޯލުންނެވެ. ރޮޑްރީގޯ ޖެހި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ރޮޑްރީގޯ އެވެ. މިއީ އެސްޕަންޔޯލްގެ ސާޖީ ގޯމޭޒް ހެދި ގޯހެއްގެ ފައިދާނަގައި ރޮޑްރީގޯ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ރެއާލުން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ، އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން މާކޯ އަސެންސިއޯ ޖެހި ގޯލެކެވެ. ރެއާލުން ވަނީ މެޗުގެ ފަހު 30 އަކަށް މިނިޓަށް ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް ކުޅެން އަރުވައިފަ އެވެ. ރެއާލްގެ ފަހު ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއް ދަމަހައްޓަމުން އަންނަ ބެންޒެމާ އެވެ. މެޗުގެ 81 ވަަނަ މިނިޓްގައި ބެންޒެމާ ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ބެންޒެމާ ޖެހި ގޯލެކެވެ.
މި ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު 34 މެޗުން 81 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމުގެ ފަހަތުން ދެވަނައިގައި އޮތް ސެވިއްޔާއަށް 64 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.
މިއީ ރެއާލުން ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި 35 ވަނަ ފަހަރެވެ. ރެއާލަކީ ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރީ ބާސެލޯނާ އެވެ. ބާސެލޯނާ އިން 26 ފަހަރަށް ސްޕެނިޝް ލީގުގެ ތަށި އުފުލާލިއެވެ.
ކޮމެންޓު ފޮނުވާ