ޕާކިސްތާނުގެ އާ ބޮޑުވަޒީރު ސައުދީ އަރަބިއާއަށް ވަޑައިގެންފި

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ސައުދީ އަރަބިއާއަށް ވަޑައިގެންފި

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ޝެހްބާޒު ޝަރީފް ސައުދީ އަރަބިއާއަށް ވަޑައިގެންފިއެވެ. އަދި މި ދަތުރުފުޅުގައި ޝެހްބާޒު ޝަރީފް ވަނީ ސައުދީ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވާފައެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕްރިންސް މުހައްމަދު ބިން ސަލްމާންއާއި ޝެހްބާޒް ޝަރީފް ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މީގެ އިތުރުން ސަރަހައްދީ މައްސަލަތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެބޭފުޅުންގެ ބައްދަލުވުން ކުރިޔަށް ދިޔައީ، ޕާކިސްތާނުގެ އާ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ސައުދީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި، އެގައުމުގެ އިންޓީރިއަރ މިނިސްޓްރީއާއި، ފޮރިންގ އެފެއާރޒްއާއި، ކޮމާރސް، އެނާރޖީ، ޑިފެންސް، މީޑިއާގެ އިތުރުން އެހެން މުވައްސަތަކުގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ޝެހްބާޒް ޝަރީފަށް މަރުހަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން ޝެހްބާޒު ޝަރީފްވަނީ، މަދީނާގައި ހުންނަ އަލް މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރައްވާފައެވެ.

މި ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން ޝެހްބާޒް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ދަތުރުފުޅުގެ އަމާޒަކީ، ދެގައުމުގެ ދެމެދުގައި އޮތް އުޚުތްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމުގައެވެ.

ޝެހްބާޒް ޝަރީފް ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އަދި އޭނާގެ ކެބިނެޓް ހުވާ ކުރައްވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.

ޝެހްބާޒް ޝަރީފްއަކީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮށްކޮ އެވެ.

އުމުރުން 70 އަހަރުގެ ޝެހްބާޒް ޝަރީފް ޝަރީފްއަކީ އިންޑަސްޓްރިއަލް މަސައްކަތްތެރިންގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންނަމަވެސް ފަހުން އޭނާ އާއިލާ ވެވަޑައިގަތީ ސިޔާސީ ޚާންދާންއަކަށެވެ.

ޝެހްބާޒް ޝަރީފް އެންމެ ފުރަތަމަ ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީއަށް އިންތިޚާބު ވެފައިވަނީ 2018ވަނަ އަހަރުއެވެ. އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފް އެގައުމުގެ ސިޔާސީ މަސައްކަތުގައި އުމުރަށް ނޫޅެވޭގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރުމަށްފަހު، ނަވާޒް ޝަރީފްގެ ޕާޓީ ޕާކިސްތާން މުސްލިމް ލީގު (PML-N) ނަވާޒް ޕާޓީގެ އެންމެ އިސްވެރިއެއްގެ ގޮތުން ހުންނަވާފައި ވަނީވެސް އޭނާއެވެ.

ނަވާޒް ޝަރީފް ސިޔާސީ މަސްރަހުން އުމުރަށް ސަސްޕެންޑް ކޮށްފައިވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *