ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަގަށް ވައްދާފައިވާ އެންމެން އެޕާޓީގެ ދަފްތަރުން އުނިކުރުމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފައިވާ އާއިލާއެއްގެ ނަމުގައި "ވަގަށް" ފޯމު ހުށަހަޅައިގެން އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތަށް ޖަވާބު ދެމުން އަދާލަތުން ބުނީ ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް ހުށަހަޅާ ހުރިހާ ފޯމެއް އީސީ އަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
އަދާލަތުގެ މިވާހަތަކާއި ގުޅިގެން ތަރުޖަމާނު ހީނާ ވިދާޅުވީ، ވަގަށް ވައްދާފައިވަނީ މިފަދަ އެންމެ މީހެއް ދެމީހެއް ނޫންކަމަށެވެ. އެތައް ބަޔަކަށް ނޭގި ފިންގާ ޕްރިންނާއި، ސޮޔާއި މައުލޫމާތުވެސް އޮޅުވާލައި އަދާލަތަށް މީހުން ވައްދާފައި ހުރިކަން ސާފުކޮށް ފެންނަން އެބަހުރިކަމަށް ހީނާ ވިދާޅުވިއެވެ.
އެންމެ މީހެއް ދެމީހެއްނޫން! ޕީޕީއެމްގެ އެތައް ބަޔަކު ތިޔަ ޕާޓީއަށް، އެފަރާތްތަކަށް ނޭގި ވަނީ ވައްދާފަ. މައުލޫމާތާއި، ފިންގާ ޕްރިންޓްވެސް އޮޅުވާލާފަ ހުރިކަން ފޯމުތަކުން އެހެރީ އެނގެން. މިކަންކަމަށް ތިޔަ ޕާޓީން ޒިންމާވާންޖެހޭނެ. ވަގަށް ވައްދާފައިވާ އެންމެން ދަފްތަރުން އުނިކުރައްވާ!
– ހީނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައިވާ ގޮތުގައި އާއިލާއެއްގެ ހަތަރު މީހަކު އަދާލަތު ޕާޓީ އަށް ވައްދާފައިވާ މައްސަލަ އެ އާއިލާ އިން ވަނީ ޕާޓީ އަށް ހުށަޅައިފަ އެވެ. އަދި ވަގަށް ފޯމު ހުށަހަޅައިގެން ޕާޓީއަށް ވައްދާފައިވާތީ އަދާލަތާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ވެސް ޕީޕީއެމުން ވަނީ ދީފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށް، ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ހަމަ ކުރުމަށް އަދާލަތު ޕާޓީން ވަނީ މިދިޔަ އަހަރު ގިނަ އަދަދެއްގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައެވެ. މި ފޯމުތަކާއިއެކު އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 10،000 އިން މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ