ކަނޑު އުޅަނދު ފަހަރު ޗެކްކުރުމުގެ ހަރަކާތެއް ފުލުހުން ފަށައިފި

ކަނޑު އުޅަނދު ފަހަރު ޗެކްކުރުމުގެ ހަރަކާތެއް ފުލުހުން ފަށައިފި

Author
މުޙައްމަދު ޖިމީ
28 އޭޕްރިލް 2022 01:12
0

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިހުން ފަށައިފިއެވެ.

ފުލުހުން ބުނީ، އޭޕްރީލް 26 ން ފެށިގެން މެއި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދުގައި ފަޅުގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިސް އިންދަނީ މާލެ ހިމެނޭ ސަރަހަދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށްހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.