ވިޔަފާރީގެ މުޢާމަލާތްތައް އިލެކްޓްރޯނިކް ޛަރީޢާއިން ކުރުމާއިގުޅޭ އުސޫލުތައް ބަޔާންކުރާ އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ. މި ބިލަކީ މިމަހުގެ 11ގައި މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ.
އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނަކީ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމާއި، ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިމާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި އެކަންކަމަށް ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުމާއި އިތުބާރު ހިފޭ ޓްރަސްޓްގެ ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުޢާމަލާތުކުރުމުގައި ޢާންމުންގެ އިތުބާރު ޤާއިމުކުރުމަކީވެސް އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުގެ މަޤްޞަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ