ޖޭއެސްސީ އަށް ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ޖޭއެސްސީ އަށް ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފިއެވެ.

ހައިކޯޓުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިރޭ އިންތިޚާބުކޮށްފައިވާކަމަށެވެ.

ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އަލްއުސްތާޛް މުޙައްމަދު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރައްވާފައިވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އުފައްދާއިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ފަނޑިޔާރަކީ، ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒްއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *