މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލި މައްސަލައިގެ ހައިކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ޢަމުރުކޮށްފިއެވެ.
އަޙްމަދު މޫސާ ބަންދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމުރު ދައުލަތުން އިސްތިއުނާފްކުރުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފްކުރަންޖެހޭ މުއްދަތުކަމަށްވާ 48 ގަޑިއިރު ހަމަވެފައިވުމުންކަމަށް ވިދާޅުވެއެވެ. ދައުލަތުން ވިދާޅުވާގޮތުގައި އެ މުއްދަތު ގުނަންޖެހޭނީ ކޯޓުން އެ މައްސަލަ ނިންމު ދުވަސް ނުހިމަނައެވެ. އެހެންކަމުން ހައި ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރީ ގާނޫނުގައިވާ މުއްދަތު ގުނަން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިއާޔަތްކޮށެވެ.
ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރުމުން ސުޕްރީމްކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިޔާއަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫންކަމަށެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ، ގަވާއިދުގައި ހިމެނޭ އެ މާއްދާ އޮތީ ޤާނޫނާ ފުށު އަރާ ގޮތަށްކަމަށެވެ. އެހެންކަމުން އެއީ ގާނޫނާ ޚިލާފަށް ހިމެނިފައި އޮތް ގަވާއިދެއް ކަމަށް ފަނޑިޔާރުން ކަނޑައެޅުއްވިއެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މަނަކޮށްދީފައި ނެތުމުންނާއި، ޤާނޫނު ބާތިލްވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައިހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލްވެގެން ނުދާނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އެހެންކަމުން އަޙްމަދު މޫސާގެ މައްސަލަވެސް ހައިކޯޓުން ބަލަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ.
ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ މައްސަލަ ނިމެންދެން ދައުލަތުގެ އެއްވެސް ވެރިޔަކު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ތާކު ނުދެއްކުމަށްވެސް ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރެއްވެސް ނެރެފައެވެ. ކޯޓްގެ މި އަމުރު އައިސްފައިވަނީ މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވީޓާގައި ވާހަކަދައްކަވާފައި ވާތީއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ކޮމެންޓު ފޮނުވާ