މުޅިން އާ އީޖާދަކާއެކު އިންޑިއާގެ ނަން ބަދަލުކޮށް، ގަރާރަށް ގޮންޖަހާ، ޙަރަކާތް ކުރިޔަށް!

މުޅިން އާ އީޖާދަކާއެކު އިންޑިއާގެ ނަން ބަދަލުކޮށް، ގަރާރަށް ގޮންޖަހާ، ޙަރަކާތް ކުރިޔަށް!

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަކީ، އަބަދުވެސް ހަލަބޮލި، އެއްބަޔަކު އަނެއް ބައަކަށް ހަޖޫ ޖެހުމާއި، މައްލަވަ ކުރުމާއި ދިމާކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ ސިޔާސީ "ކުޅިވަރެއް" ކަމުގައި ދެންނެވިދާނެއެވެ. އަދި މި ހަގީގަތަކީ ވަކި ބަޔަކު ވެރިކަމުގައި ތިބުމަކުން، ނުވަތަ ވަކި ބަޔަކު ވެރިކަމުގައި ނެތުމަކުން، ސިޔާސީ މަސްރަހަށް އަންނަ ބަދަލެއް ނޫންކަން، ޑިމޮކްރަސީގައި ރާއްޖެ ކުރަމުންދާ ކުރު ދަތުރުގެ އެހާރާއި މިހާރަށް ނަޒަރެއް ހިންގާލުމުން ވަރަށްވެސް ރަގަޅަށް ސާފުކޮށް ފެންނާން އެބައޮތެވެ.

މިގޮތުން، ފާއިތުވެދިޔަ ރައީސް ޔާމިންގެ ދައުރުގައިވެސް، އަދި އޭގެ ކުރިން އައި ރައީސް ވަހީދުގެ ކުރު ވެރިކަމުގައިވެސް، އެމްޑީޕީ އިދިކޮޅުގައި އޮވެ، މަގުމަތީގައި ކުރި ސިޔާސީ މުޒާހިރާތަކަކީ، ހަމަނުޖެހުން ބޮޑު، އާންމުންގެ މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ، އަދި ގާނޫނާއި ގަވާއިދަކަށްވެސް ބެލުމެއްނެތި ކޮށްފައިވާ ބޮޑެތި މުޒާހިރާތަކެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި އެމްޑީޕީގެ މުޅި ލީޑަރޝިޕް އިސްވެއޮވެ އޭރު ހިންގަމުން ގޮސްފައިވާ މި ހަރަކާތްތައް އޭރު ފާހަގަވެގެން ދިޔައީ، ސިޔާސީ ކަންކަމުގައި ވެރީންގެ ބަސް ގަބޫލު ނުކުރުމުގެ އާދަ ގިނަބަޔަކަށް ދަސްކޮށްދީ، އެބައެއްގެ ސިޔާސީ މަސްލަހަތާއި ފުށުއެރުމުން އެއެއް މިއެއް ބަލާލުމެއްނެތި ދެކޮޅުވެރިކަން އިސްކުރަން ގިނަބަޔަކަށް ދަސްކޮށްދިން އެއްވުންތަކަކާއި މުޒާހިރާތަކެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ދައުރުތައް ބަދަލުވެ، ވެރިކަންވެސް އެބީދައިން ބަދަލުވެ، މިއަދު އެމްޑީޕީ އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ކޯލިޝަން ވެރިކަމުގައި، ޕީޕީއެމް އިދިކޮޅުގައި އޮވެ ހިންގަމުންދާ އެންމެ ބޮޑު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފާހަގަވާން އޮތީ އިންޑިއާ އައުޓު ހަރަކާތެވެ. އަދި މިހަރަކާތް މިއަދު ވެގެން ގޮސްފައިމިވަނީ، މިހަރަކާތް ހުއްޓުމަށް ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާގާއެކުވެސް ހުއްޓުވޭނޭ މަގެއް ނުފެނި، ދެކޮޅުވެރިކަމާއި މަޖަލުގެ ތެރެއިން، ކުރިޔަށްދާ ސިޔާސީ ހަރަކާތަކަށް ކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

ގިނަ ބަޔަލު ގަބުލުކުރާ ގޮތުގައި, ސިޔާސީ ހަރަކާތްތަކުގައި ވެރީންގެ ބަސް ގަބޫލު ނުކުރުމުގެ ސަގާފަތަކީ އެމްޑިޕީން ރާއްޖެއަށް އާންމުކުރި ސަގާފަތެއް

 

މުޅިން އާ އީޖާދަކާއެކު "އިންޑިއާ"ގެ ނަން ބަދަލު ވެއްޖެ!

އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައިވާ އެންމެ ބޮޑު، އަދި ހަމައެކަނި ސިޔާސީ ހަރަކާތެވެ. ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާގެ އަސްކަރިއްޔާއާއެކު އެކުލަވާލި އެއްބަސްވުމަކުން، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ޖަގަހަ ޖަހައިގެން ތިބުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު، އެ އެއްބަސްވުމާއި ދެކޮޅަށް ފެށިގެން ދިޔަ މުޒާހިރާތައް "އިންޑިއާ އައުޓު" ހަރަކާތުގެ ގޮތުގައި ފުޅާވެ "ވައިގައި" ހިފީއެއެވެ.

އަދި މި ހަރަކާތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ، ރައީސް ޔާމިން ޖަލުގައި އޮންނަވަނިކޮށް ކަމުގައިވި ނަމަވެސ،ް އެމަނިކްފާނު ޖަލުން މިނިވަން ވުމާއެކު، މި ހަރަކާތުގެ އެންމެ ކުރީގައި ރައީސް ޔާމިން ހުންނަވާ، މިހަރަކާތް އެހާތަނުންވަނީ ރާއްޖޭގެ އެހެން ރަށްތަކަށްވެސް ފުޅާކޮށްފައެވެ. އަދި "އިންޑިއާ އައުޓު" ޝިއާރު ގޭގޭގެ ފާރުތަކުގައިވެސް ޖެހުމަށާއި، ބެނަރތައް ހަދައިގެން އާންމުކޮށް ބޭނުންކުރަމުން ދިއުމަށްވެސް ޔާމީންވަނީ އެހާތަނުން ގޮވާލައްވާފައެވެ.

މިގޮތުން، ވެރިރަށް މާލޭގެ އެކި ހިސާބުތަކުގައި ދަމަންފެށި ބެނާރތަކުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ، ރައީސް ޔާމިންގެ ގެކޮޅުގައި ފާއިތުވެދިޔަ ހަފްތާގައި ދެމި އިންޑިއާ އައުޓު ބޮޑު ބެނަރައެވެ. މިބެނަރ ދަމާފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީގެ މަނަވަރު "ސަތުލެޖް" ރާއްޖެ އައިސް ބަނދަރުކުރި ދަނޑިވަޅާ ދިމާކޮށްކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

ރައީސް ޔާމިންގެ ގެކޮޅުގައި އެންމެ ފުރަތަމަ ދެމި އިންޑިއާ އައުޓު ބޮޑު ބެނާރ

އެހެންނަމެސް، މިހާތަނުން، މިހަރަކާތާއި ގުޅޭގޮތުން ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅެމުންއައި ސިޔާސާތަށް ކުއްލި ބޮޑު ބަދަލެއް އައިސް، އިންޑިއާ އައުޓު ހަރަކާތް ހުއްޓުވުމަށް ރައީސް ސާލުހި ނެރުއްވީ ރިޔާސީ ގަރާރެކެވެ. މި ގަރާރުން އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުމާއި، ބެނަރތައްވެސް ދެމުން މަނާވެގެން ދިއުމާއެކު، ދެން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްފައިވާ "އިންޑިއާ އައުޓު" ބެނާރތައް ދަމަން ފެށި މަންޒަރެވެ. މިގޮތުން، އިދިކޮޅު ޕީޕީއެމްއިން މިހާރު ދަމަން ފަށާގައިވާ އިންޑިއާ އައުޓު ބެނަރތަކުގައި އިނގިރޭސިބަހުން "އިންޑިއާ އައުޓު" ލިޔެފައި ހުންނައިރު، މިބެނާރގައި ލިޔެފައިވާ "އިންޑިއާ"ގެ ނަމުގެ އަސްލު ސްޕެލިންގ ބަދަލުކޮށް ލިޔެފައިވަނީ INDEAR މިހެންނެވެ. އިންޑިއާ އައުޓު ޝިއާރުގައި މިހާރު ބޭނުން ކުރެވެމުން ދަނީ، އިގިނޭސިބަހުން ލިޔެފައި އޮންނަ އިންޑިއާގެ ނަން މުޅިން ތަފާތު މޭރުމަކުން ލިޔެގެން، އެހެންނަމަވެސް ކިޔުމުގައި އެއް ޝިއާރެއް ބޭނުން ކޮށްގެންނެވެ.

ނަތީޖާއެއްގެ ގޮތުން، ރައީސް ސާލިހުގެ ނެރުއްވި ރިޔާސީ ގަރާރުގެ ތެރެއަށް މިހާރުގެ ބެނަރތަކުގައި ލިޔެފައި އޮންނަ "އިންޑިއާރ އައުޓު" ޝިއާރު އިތުރަށް ފެތިގެނެއް ނުދާނެއެވެ. އަދި މިހާރު ބޭނުން ކުރެވެމުންދާ އިންޑިއާ އައުޓު ޝިއާރު، ރައީސް ސާލިހު ނެރުއްވާފައިވާ އިންޑިއާ އައުޓު ހުއްޓުވާ ގަރާރުގެ ތެރެއަށް ފެތިގެން ނުދާއިރު، ޕީޕީއެމްގެ ލީޑަރޝިޕުން ބުނަމުންދަނީ، ރައީސްގެ ގަރާރަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށާއި، އިންޑިއާ އައުޓު ބެނަރތައް މާލޭގެ އެކި ސަރަހައްދު ތަކުގައި އިތުރަށް ދަމަމުން ދާނެ ކަމުގައެވެ.

 

ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ކުޅިވަރަކަށް "އިންޑިއާ"!

ކޮންމެއަކަސް، މިއަދު ފެންނަމުންދާ އެއް ހަގީގަތަކީ، ރާއްޖޭގެ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ސިޔާސީ ދެކޮޅުވެރިކަމުގެ ކައްފާރާއަކަށް އިންޑިއާވެ، އަދި އެންމެފަހުން އިންޑިއާގެ ނަންވެސް ބަދަލުވެ، އެއްބަޔަކު އަނެއް ބަޔަކަށް މައްލަވަ ކުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް އިންޑިއާ ވެގެން ގޮސްފައިވާ ތަނެވެ.

އަދި، މެދުނުކެޑި މި ހަރަކާތް ކުރިޔަށް ދާތާ މިހާރު ދެ އަހަރު ވެފައިވާއިރު، މި ސިޔާސީ ހަރަކާތުގެ ކަންބޮޑުވުން ސަރުކާރުގެ ވެރިންގެ ކިބައިގައިވެސް އިންތިހާއަށް ހުރިކަން ސާބިތު ކޮށްދިނީ މި ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ގަރާރުންނެވެ. އަދި ފާއިތުވެދިޔަ އަހަރު މިހަރަކާތުގެ ޝަކުވާ ރަސްމީކޮށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހަޅާ، މި ހަރަކާތަކީ ޚުދު އިންޑިއާ ސަރުކާރުގެވެސް ބޮލުގެ ރިހުމަކަށް ވެގެން ގޮސްފައިވާކަން މިއީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްގެން ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައްވެސް ފުލުހުން ދަނީ ނަގަމުން

ކޮންމެއަކަށް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަށަގެންފައިވާ ސަގާފަތާއި، ފާއިތުވެދިޔަ ތަނުގައި، ޚުދު އެމްޑީޕީން ހިންގާފައިވާ މަގުމަތީ ހަރަކާތްތަކުން ގިނަބަޔަކު ދަސްކޮށްފައިވާ ކަންކަމުގެ ތެރެއިން، ގާނޫނުތަކުން ރެކިގަނެގެން ތިބެ، ސިޔާސީ ކަންކަމުގައި އޭރަކު އޮންނަ ސަރުކާރަކަށް ޕްރެޝަރ ކުރުމާއި، ދިމާ ކުރުމާއި، ސިޔާސީ ގޮތުން މައްލަވަ ކުރުމުގައި ދިވެހިންނަކީ އަރާތިބި ބައެއްކަން އޭރުވެސް މިހާރުވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން މިގެންދަނީ ސާބިތު ކޮށްދެމުންނެވެ.

އަދި މިއަދުގެ ވެރީންވެސް މާދަމާ އިދިކޮޅުގައި ތިއްބަވަން ޖެހިވަޑައިގަތަސް ހަމަ މިމަންޒަރުތައް މިބީދައިން ތަކުރާރުވެގެން ދާނޭކަމީ، އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. މިއީ އެއްތައް ދުވަހެއްގެ މަސައްކަތުން ބަޔަކު ދިވެހިންނަށް ދަސްކޮށްދިން ސިޔާސީ ސަގާފަތެވެ. މިއީ، ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޑިމޮކްރަސީގެ ނަމުގައި ޙުރިހާ ވިޔާނުދާ ކަމެއް ދަސްކޮށްދިނީ އެމްޑީޕީގެ ބައިގަނޑު. މޯހުންގެ އަބުރު ކަތިލުމާ ހުތުރުނަމުން މުޚާޠަބް ކުރުމާ ތަންތަނުގަ ރޯކުރުމާ އަލިފާން ބޯޅަ އުކުމާ ސަރުކާރުގެ އިދާރާތަކުގެ އަމުރަށް ކިޔަމަން ނުވުމާ މިކަހަލަ ހުރިހާ ނާތަހްޒީބީ ޢަމަލެއް މިރާއްޖޭގައި ކުރަން ފެށި ބަޔަކީ ހަމަ އެމްޑީޕީ. މަ ކައިރިއަށް ހިނި އަންނަނީ އެމީހުން ނޫން ބަޔަކު އެކަން ކުރީމަ އެއީ ގާނޫނާ ޚިލާފް އަމުރަށް ނުކިޔަމަން ތެރި ވުމުގެ އަމަލަކަށްްވެފަ އެމީހުން ކުރީމަ ގާނުން ލިބިދޭ ބާރަކުން ކުރާ ކަމަކަށް ހަދާތީ.

Leave a Reply

Your email address will not be published. Required fields are marked *