އަދުގެ ދުނިޔޭގައި ގިނަ ގައުމުތަކުގެ އެތެރޭގެ މަސްލަހަތާއި، އަދި ތަރައްގީއާއި ގުޅިފައި އޮތް އެންމެ މުހިންމު އެއް ގުޅުމަކަށް ވެގެން ގޮސްފައިވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކެވެ. އަދި މި ގުޅުންތަކަކީ، ހަމައެކަނި، ދެގައުމެއްގެ މެދުގައި އޮންނަ ސިޔާސީ ގުޅުމަށްވުރެ ބޮޑަށް، ގައުމުތަކުން ސޮއި ކޮށްފައިވާ ބައިނަލް އަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުންތަކެއްވެސް މެއެވެ.
އަދި ޑިޕްލޮމެޓިކް ގުޅުންތައް ތަރުތީބު ވެފައި އޮންނަ ގޮތްތަކަށް ބަލާއިރު، ކޮންމެ ދެގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމަކީވެސް، އެހެން ގައުމުތަކާއެކީ އޮންނަ ގުޅުންތަކަށްވެސް އޭގެ އަސަރު އެކި ގޮތްގޮތުން ކުރާ، މި ގުޅުންތައް ދެމެހެއްޓުމަށްޓަކާ، ބައިނަން އަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރުން ވެގެންދަނީ، ގައުމުތަކުގެ މައްޗަށް އޮންނަ މަޖުބޫރީ ހާލަތަކަށެވެ.
އަދި ހަމަ އެބީދައިން، ގައުމަތަކަށް ބައިނަލް އަގުވާމީ މުވައްސަސާތައި އިދާރާތަކުން ވެދޭ އެހީތެރިކަމާއި، އެހީތެރިކަން ހޯދުމުގައި ދޭދޭ ގައުމުތަކުން ހޯދަންޖެހޭ އެއްބާރުލުންވެސް ހަމަ އެބީދައިން ބިނާވެފައި އޮންނަ އެއްކަމަކަށް ވެގެންދަނީ، ބައިނަލް އަގުވާމީ ގުޅުންތަކަށް އިހުތިރާމް ކުރުމާއި، ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް އަމަލްކުރުމުގެ މައްޗަށްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
އެހެންކަމުން، ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އިދިކޮޅު ޕީޕިއެމްއިން ކުރިޔަށް ގެންގޮސްފައިވާ އިންޑިއާ އައުޓު ހަރަކާތަށް ބަލާއިރި، މި ހަރަކާތް ސީދާ ގޮތެއްގައި ގޮސް ހުއްޓެނީ އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްވެފަ އޮތް ސިޔާސީ ގުޅުންތަކާއި ހަމައިންނެވެ. އަދި މީގެ އިތުރުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ފާޅުކުރެވުމުންދާ ޝުއޫރުތަކާއި، އަދި އޭގެ އިތުރުން، މީޑިއާތަކުގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާ، އަދި ފާއިތުވެދިޔަތަނުގައި، ރާއްޖޭގައި ތިބި އިންޑިއާގެ ޑިޕްލޮމޭޓުންގެ ސަލާމަތާއި ގުޅޭގޮތުން އުފެދިފައިވާ ކަނބޮޑުވުންތަކުގެ ނަތީޖާއެއްގެ ގޮތުންވެސް، މުޅި މައްސަލަ ރާއްޖެއިން ދަމަހައްޓަމުންދާ ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅިލާމެހިގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ސާފުވާން އޮތް ކަމުގައި ދަންނަވާން ޖެހެއެވެ.

މުވާހަދާތަކުން ފޯރުކޮށްދޭ ޑިޕްލޮމެޓިކު އިމިއުނިޓީ!
ގައުމުތަކުގައި ހުންނަ އެމްބަސީތަކަކީ، ވަކި ޚާއްސަ ޑިޕްލޮމޓިކް އިމިއުނިޓީއެއްގެ ހިމާޔަތުގައި ހުންނަ އިމާރާތްތަކެކެވެ. ހަމައެކަނި އިމާރާތެއްވެސް ނޫނެވެ. އިމާރާތުގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުވަޒަފުންނަކީވެސް މި އުސޫލުން، ބައިނަލް އަގުވާމީގޮތުން ބަަލައިގަންނަ، ވަކި ޚާއްސަ އިމްތިޔާޒުތަކަކާއި، އިނާޔަތްތަކެއް ލިބިދީފައި ތިބޭ ބައެކެވެ. މިގޮތުން، އެމްބަސީ ހުންނަ ގައުމެއްގެ މިޝަންގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުވައްޒަފުން، އެވަގުތަކު ވަޒީފާ އަދާކުރަމުންދާ ގައުމަކަށް ޓެކްސް ދެއްކުމުން އިސްތިސްނާ ވުމާއި، އަދި ކުރިމަތިވާ އެހެނިހެން ކަންކަމާއި މައްސަލަތަކަށް ޖަވާބު ދާރީވުމުގައި އަމަލް ކުރެވޭ އުސޫލުތައް ތަފާތުވުންފަދަ، ޚާއްސަ އިމްތިޔާޒްތަކެއް ބައިލަނަލް އަގުވާމީ ގޮތުން ލިބިދީފައި ހުރެއެވެ.
ސަބަބަކީ، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަކީ، ގައުމުތައް ތަމްސީލު ކުރާ ތަންތަން ކަމުގައި ވެފައި، އެތަންތަނުގެ މަސްލަހަތު ގިނަ ފަހަރަށް މުޅި ދުނިޔޭގެ ސުލްހަ މަސްލަހަތާއިވެސް ގުޅި ލާމެހިގެން ދާތީވެސްމެއެވެ.
މިގޮތުން، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަށް ބައިނަލް އަގުވާމީގޮތުން ޚާއްސަ އިމްތިޔާޒުތަކެއް ލިބިދެނީ ވިއެނާ ކޮންވެޝަންތަކުގައި ގައުމުތަކުން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށެވެ.
މީގެ އެއް ކޮންވެންޝަންއަކީ، 1963 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހުން އެޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު "ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ކޮންސިއުލާރ ރިލޭޝަންސް"އިން އެކުލަވާލާ، އެއަހަރުގެ އެޕްރިލް މަހުގެ 24 ވަނަ ދުވަހު ޔޫއެންގެ ހުރިހާ މެމްބަރު ގައުމުތަކުން ބަލައިގެންފައިވާ ކޮންވެންޝަނެކެވެ.

ޖުމްލަ 79 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި ކޮންވެންޝަންގެ 31ވަނަ މާއްދާ (އާރޓިކަލް 31)ގައި ބަޔާން ކުރަނީ، އެމްބަސީއެއް (ނުވަތަ ކޮންސިއުލާ މަސައްކަތް ކުރާ އިމާރާތެއް) ހުންނަ ގައުމަކުން އެއިމާރާތަށް، އެމްބަސީ ނިސްބަތްވާ ގައުމުގެ ހުއްދައަކާ ނުލާ އެއްވެސް މީހަކު ވަނަނުދީ، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭނެ ކަމުގައެވެ. އަދި މި އިމާރާތައް އެއްވެސް ގެއްލުމެއްވެސް ލިބުނަނުދީ ބެލެހެއްޓުމަކީވެސް އިމާރާތް ހުންނަ ގައުމެއްގެ މައްޗަށް މި ކޮންވެންޝަންއިން ލާޒިމް ކޮށްފައިވާ ކަމެކެވެ.
މާނައަކީ، ގައުމުތަކުގައި ހުންނަ އެމަބަސީތަކަކީ، ބޭރު ގައުމެއްގެ ބިމުގައި ހުރި އިމާރާތެއްކަމުގަ ވިޔަސް، ހަގީގަތުގައި، އެތަންތަނަކީ، އެމްބަސީ ނިސްބަތްވާ ގައުމުގެ ފުރިހަމަ އިހުތިސާސްތަކުގެ ތެރޭގައި ހުންނަ ތަންތަން ނޫންކަން، ވިއެނާ ކޮންވެންޝަންގައި ގައުމުތަކުން ބަލައިގެންފައވާ ކަންކަމުން ވަރަށް ރަގަޅަށް ދޭހަވެގެން ދެއެވެ.
އަދި މީގެ އިތުރުން 1961 ވަނަ އަހަރު ވުޖޫދު ކޮށްފައިއޮތް، "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"އިން ވަނީ، ދޭދޭ ގައުމުތަކުގެ މެދުގައި އެކަށައެޅިފައި އޮންނަން ޖެހޭ ބައިނަލްއަގިވާމީ ގުޅުންތަކުގެ މައިގަޑު އަސާސްތައް އެކަށައަޅާ ދީފައެވެ. 2007ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2ވަނަ ދުވަހު ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މި މުވާހަދާގެ މައިގަޑު އަމާޒަކީ، ދޭދޭ ގައުމުތަކުގެ މެދުގައި ބައިނަލްއަގިވާމީ ގުޅުންތައް ދަމަހައްޓާ ތަރައްގީވުމުގައި އެންމެންނަށް އެއްބަސްވެވޭ އެއް ސުއޫލަކަށް އެއްބަސް ވުމެވެ.
އަދި މި މުވާހަދާގައި ވާގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައި ސިޔާސީ ގުޅުންތައް ގާއިމް ކުރުމަށްފަހު، ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓޮކް މިޝަންތަކަށް، އެއްވެސް ބިރަކާއި ނުލާ، ދިމާކުރުންތަކާއި، މަސްލަހަތުގެ ފުށުއެރުންތަކުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ފަހުކޮށްދިނުމަކީ ކޮންމެ ގައުމެއްގެ މައްޗަށްވެސް މި މުއާހަދާއިން ލާޒިމްކުރާ ކަމެކެވެ. އަދި މިއީ ޔޫއެންއިން މިހާތަނަށް އެއްބަސްވެސް ތަންފީޒު ކޮށްފައިވާ އެންމެ ވަރުގަދަ ގާނޫނީ އެއް އެއްބަސްވުންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެެވެ.

އިންޑިއާ އައުޓު ހަރަކާތް މަނާކޮށް، ރައީސުލްޖުމުހުރިއްޔާ ނެރުއްވާފައިވާ ގަރާރުގައިވެސް ފާހަގަ ކުރައްވަފައިވާ، ރާއްޖެއިން އެމައްޗަށް އަމަލްކުރުން ލާޒިމްކުރާ މުވާހަދާތަކުގެ ތެރޭގައި "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961)" އާއި، "ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963)އާއި، އަދި މީގެ އިތުރުންވެސް ރާއްޖެއިން ސޮއި ކޮށްފައިވާ، ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅު ބައިނަލްއަގުވާމީ މުއާހަދާއާއި، މަދަނީ އަދި ސިޔާސީ ހައްގުތައް ކަށަވަރުކުރާ ބައިނަލްއަގުވާމީ މުއާހަދާގެނަން ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިއާ އައުޓު ހުއްޓުވާ ގަރާރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވުރެ ދުރަށް!
އިދިކޮޅު ފަރާތްތަކުން ފާއިތުވެދިޔަ ދެއަހަރެއްހާ ދުވަހަށް ކުރިޔަށް ގެންގޮސްފައިވާ އިންޑިއާއައުޓު ހަރަކާތް މަނާކުރާ ގަރާރު އާންމު ކުރުމާއެކު، ގިނަ ބަޔަކު ބަހުސް ކޮށްފައިވަނީ، މިގަރާރުން، ގާނޫނު އަސާސީން ފޯރުކޮށްދޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާކަން ފާހަގަކޮށް، އެ ނަޒަރިއްޔާތުންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، އިންޑިއާ އައުޓު ހަރަކާތުގައި، ފާޅުކުރަމުންދާ ޝިއާރުތައް، ވަކި ގައުމެއް ހައިސިއްޔަތުން "އިންޑިއާއި" ދެކޮޅަށްވެސް އަމާޒުވެ، ރާއްޖޭގައި ތިބި އިންޑިއާގެ ޑިޕްލޮމޭޓުންނާއި، ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާ ރައްޔިތުންނަށްވެސް، ހަރަކާތުގެ ސަބަބުން ބިރުވެރިކަމާއި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާތައް ފާއިތުވެދިޔަ ތަނުގައިވަނީ ފެންމަތި ވެގެން ގޮސްފައެވެ. އަދި ވަކީން ޚާއްސަކޮށް، ހަރަކާތުގެ ތެރެއިން ފެންނާން ހުރި ބެނަރ ތަކުގައި ބޭނުންކުރެވެމުންދާ ޝީއާރެއްގެ ގޮތުގައި "އިންޑިއާ އައުޓު" ބޭނުންކުރެވެމުން ދިއުމާއި ގުޅިގެން، މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅު ޝިއާރެއްގެ ބަދަލުގައި، އިންޑިއާގެ އެއްވެސް ފަރުދަކުވެސް، ވަސީލަތެއްވެސް، ޑިޕްލޮމެޓިކް މިޝަންއެއްވެސް ރާއްޖޭގެ ހުރުމާއި ދެކޮޅު ޝީއާރުތަކެއްގެ ގޮތުގައި މި ޝިއާރުދަނީ މޭރުން ކުރެވެމުންނެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ލޯކަލް މީޑިއާއި އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން، ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންއާއި، ހައިކޮމިޝަނަރ އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް ސްޓާފުންނާމެދު ނަފްރަތު އުފައްދާ އެފަރާތަތްކުގެ އަބުރަށް އަރައިގަންނަމުން ދާކަމަށް ބުނެ، އެފަދަ ފަރާތްތަކާ ދެކޮޅަށް، ވިއެނާ ކޮންވެންޝަން (1961)ގައި ވާގޮތުގެމަތިން ފިޔަވަޅު އަޅައި ދިނުމަށް އިންޑިއާ ސަރުކާރުން މީގެކުރިންވެސްވަނީ ފޮރިންގ މިނިސްޓްރީގައި އެދިފައެވެ.
އެހެންކަމުން، ފާހަގަވާން އޮތީ، އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގެ އެތެރޭގެ މަސްލަހަތަށްވުރެ ބޮޑަށް، ބައިނަލްއަގުވާމީ ގައުމުތަކާ ޖަމިއްޔާ ޖަމާއަތްތަކާއެކު ރާއްޖެއިން ދަމަހައްޓަމުންދާ ޚާރިޖީ ގުޅުންތަކަށް ކުރިމަތިވެފައި އޮތް މައްސަލައަކަށް މި ކެމްޕޭން މިހާރު ވެގެން ގޮސްފައި އޮތްތަނެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވުރެ ބޮޑަށް، މިހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހުރިއްޔާ ނެރުއްވާފައިވާ މިގަރާރުން ބޮޑަށް މޭރުން ކުރެވިގެންދަނީ، ދިވެހިރާއްޖެއިން އަމަލްކުރުން ލާޒިމްކުރާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލްކުރުމަށް ދައުލަތުގެ މައްޗަށް އޮތް "މަސްއޫލިއްޔަތު" ހިމާޔަތްކުރުން ސަރުކާރަށް މިއަދު މަޖޫބޫރު ވެގެން ގޮސްފައި އޮތްތަންވެސް މެއެވެ.
އަދި މި ކަންކަމާއި ގުޅޭގޮތުން ސަރުކާރުން ފިޔަޅު ނާޅާ ދޫކޮށްލައިފި ހާލަތެއްގައި، މި ހަރަކާތުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް، އިންޑިއާ ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުން ފަހަނައަޅާ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް ބައިނަލްއަގުވާމީ ދުނިޔޭގައި އޮންނަ އިތުބާރާއި ޔަގީންކަން ގެއްލި، އިއާދަ ނުކުރެވިދާނޭ ވަރުގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަންވެސް މިގަރާރުން ވަރަށްވެސް ރަގަޅަށް މޭރުން ކޮށްދޭކަމުގައި ދަންނަވާން ޖެހެއެވެ.