ފަލްސްތީނުގެ ޖެރޫސެލަމްގައި ހުންނަ އަގްސާ މިސްކިތުގައި ނަމާދުކުރަން ތިބި މީހުންގެ ތެރެއަށް، ޑްރޯންގެ ބޭނުން ކޮށްގެން އިސްރާއީލުން ކަރުނަގޭސް ސަޖަހައިފިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަޅުކަން ކުރަންތިބި މީހުންގެ ތެރެއަށް ޑްރޯންގެ ބޭނުންކޮށްގެން އިސްރާއީލުން ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން، ނަމާދުކުރަން ތިބި ބައެއް މީހުންނަށް ނޭވާ ހާސްވުމުގެ މައްސަލަ ކުރިމަތި ވެފައިވެއެވެ.
Watch: Israeli forces use drones to drop tear gas on Palestinian worshipers in the al-Aqsa compound. #AlAqsa #Palestine https://t.co/DvGrqDiUsF pic.twitter.com/r5NtnQjXif
— Al Arabiya English (@AlArabiya_Eng) April 22, 2022
ކަރުނަ ގޭހުގެ އަސަރު ކުރި މީހުންނަށް، ސަރަހައްދުގައި ތިބި ޕަލަސްތީންގެ ރެޑް ކްރެސެންޓުގެ ފީލްޑް ހޮސްޕިޓަލްތަކުން ވަނީ ފަރުވާ ދީފައެވެ. މިއަދު އަގުސާ މިސްކިތުގައި ކުރެވުނު ހުކުރު ނަމާދުގައި 150،000 މުސްލިމުން ވަނީ ބައިވެރި ވެފައެވެ.
ހުކުރުދުވަހުގެ ހުކުރުގެ ކުރިންވެސް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިސްރާއީލު ފުލުހުންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދުވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި ހުކުރު ނަމާދަށްފަހު، ހުޅަނގު އައްސޭރީގެ ނާބުލުސްގައިވެސް ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ފުލުހުންނާދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ކުރިމަތިލުންތަކުގައި އިސްރާއީލުންވަނީ ރަބަރު ވަޒަނާއި، ސްޓަން ގްރިނޭޑާއި، ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.
ފާއިތުވެދިޔަ ހަފްތާގައި އިސްރާއީލު ސިފައިން އަލްއަގުސާ މިސްކިތަށް ހަމަލާދީ ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 152 މީހުންނަށް އަނިޔާވެފައި ވެއެވެ.
އަލް އަޤްސާ މިސްކިތަށް އިސްރާއީލުން ހަމަލާދީ ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، ފާއިތުވެދިޔަ އަހަރު ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ހިނގިފަދަ ހަނގުރާމައެއް އަލުން ފެށިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.