ދިވެހިންނަކީ ތަފާތު ވައްތަރުގެ ސައި އަދި ކޮފީއަށް ލޯބި ކުރާ ބައެކެވެ. ރޯދަވީއްލުމަށްފަހު ކޮފީ ނުވަތަ ސަޔަކުން ނިންމާލަން އާދަވެފައި ތިބި ގިނަބަޔަކު އުޅެއެވެ.
އެގޮތުން ސަޔަށް ލޯބިކުރާ މީހުނަށް މި ގެނެސްދެނީ މަސާލާ ޗައި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:
- 1 1/2 ޖޯޑު ފެން
- 1 އިންޗި އިނގުރު
- 4 ކަރަންފޫ
- 5 އިންޗި ފޮނިތޮށި
- 5 ކާފޫރު ތޮޅި
- 5 އޮށް އަސޭމިރުސް
- 2 ޕެކެޓް ސައިފަތް
- 3 މޭޒުމަތީ ސަމުސާ ހިކި ކިރު
- 2 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފެންފޮދު ކެއްކުމަށް އުދާށެވެ. އިނގުރު، ކަރަންފޫ، ފޮނިތޮށި، ކާފޫރު ތޮޅި، އަސޭމިރުސް މިކްސަރުން ނުވަތަ ވަނެއް ބޭނުން ކޮށްގެން ޗަސްކޮށްލާށެވެ. އެއަށްފަހު ފެން ކެކެން ފެށުމުން އަޅައިލާށެވެ. އަދި ސައިފަތް ޕެކެޓްވެސް ކަނޑާލުމަށްފަހު އަޅައިލާށެވެ. ދެން ހަކުރު އަދި ކިރު އަޅައިގެން ރަނގަޅަށް ކައްކާލާށެވެ.
ކެކުމުން ފުރޭންޏެއް ބޭނުންކޮށްގެން ފުރާނާލައި ޖޯޑަށް އަޅައި ސާވް ކުރާށެވެ.
ކޮމެންޓު ފޮނުވާ